ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހައިލައި، މީހަކު ގެއްލިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހައިލީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ކަމަށެވެ.

އެ ލޭންޑިން ކްރާފްޓު ބަންޑުން ޖަހައިލައި އޭގެން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ މި ލޭންޑިން ކްރާފްޓުން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ވަނީ ސީއެމްބިއުލޭންސް އަކަށް ނަގާފައި ކަމަށެވެ.

އެއާއެކު ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ހަކުރާ ދަނީ ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް ބުންޏެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ކަނޑުމަތީ ދަތުރުކުރާއިރު ސަމާލުވުން ވަރަށް މުހިންމެވެ.