ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވިތާ ހަތަރު ދުވަސް ފަހުން، އެ މަގާމުން ވަކުކުރި މުޙައްމަދު ފަހުމީ ހަސަން އަނެއްކާ ވެސް ފޮރިން މިނިސްޓްރީއަށް އައްޔަންކޮށްފިއެވެ.

އޭނާ ފުރަތަމަ ސްޓޭޓު މިނިސްޓަރުކަމަށް އައްޔަންކުރީ ނޮވެމްބަރު 20، 2023 ގައެވެ. އެކަމަކު، ފާޑުކިޔުންތައް ބޮޑުވެފައި އޮއްވައި އައްޔަންކުރިތާ ހަތަރު ދުވަސް ފަހުން އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ފަހުމީ އަލުން ފޮރިން މިނިސްޓްރީއަށް އައްޔަންކުރިކަން "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އޭނާ އައްޔަން ކޮށްފައިވަނީ ކޮން މަގާމަކަށް ކަން މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ.

މަގާމުތަކަށް މީހުން އައްޔަންކުރުމަށް ފަހު ވަކިކުރާ މައްސަލައިގައި މީގެ ކުރިން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެއީ ބަލަންވާ ވަރަށް ނުބަލާ އައްޔަން ކުރެވުނު މީހުން ކަމަށެވެ. އަދި، އެއީ އިދާރީ އޮޅުމެއް ކަމަށް ރައީސް އޭރު ވިދާޅުވިއެވެ.

މީގެ ކުރިން ފަހުމީ ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަން ކުރައްވައިފައެވެ. އޭނާ އެ މަގާމުން ވަކިކުރީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިގެން، މަޖިލީހުންނެވެ.

އެކަމަކު، ފަހުން ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ވަނީ ފަހުމީ ވަކިކުރީ ގޯސްކޮށް ކަމަށް ހުކުމްކޮށްފައެވެ.

މެލޭޝިއާގައި ހުންނަވާ ސަފީރުގެ މަގާމު ވެސް އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފުރުއްވައިފައެވެ.