އެކަމަކުވެސް އެ އަނިޔާތަށް ޒައިނާއަށް ލިބޭ ތަން ބަލަން ހުރުމަކީ އޭނާއަށް އުނދަގޫކަމަށް ވެއްޖެއެވެ.

*ޓްރިގަރ ވާރނިން*

އެފަދަ ވިސްނުންތަކެއްގައި އިޝްފާންއަށް ޖޯލީގައި އޮވެވުނީ ކިހާ އިރެއްވަންދެން ކަމެއް ވެސް ނޭނގުނެވެ. ގަޑި ބަލާލިއިރު މެންދަމުން އަލިވެ ދެއެއް ޖަހާ ބޮޑުވެއްޖެއެވެ. ޖޯލިން ތެދުވަމުން ގޮސް ގެއަށް ވަދެ ފެންވަރާލައިގެން އޭނާ ޖައްސާލީ އަރާމުކޮށްލުމަށެވެ. އެހެން އޮއްވާ ލޮލަށް ނިދި ސަވާރުވީ ކޮން އިރަކު ކަމެއް ނޭނގުނެވެ. އިސާހިތަކު އިޝްފާންއަށް ނިދިއްޖެއެވެ.

*****

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އިޝްފާންވަނީ އޭނާއަށް ޑްރަގްސް ލިބޭގޮތް ފަވާދުއަށް ގުޅައިގެން ހަމަ ޖައްސާފައެވެ. އެހެންކަމުން އެއްވެސް އެއްޗެއް ލިބުމުގެ ދަތިކަމެއް އޭނާއަކަށް މިހާރަކު ނޯވެއެވެ.

އެއީވެސް އެފަދަ ރެއެކެވެ. އިޝްފާން އައީ އޭނާއަށް ފަވާދު ފޮނުވި، އެއްޗެހި ހިފައިގެންނެވެ. އައިސް އޭގެން އިންޖެކްޝަނެއް އަތަށް ޖަހާލުމަށްފަހު، އޭނާ ސޯފާގައި ހަށިގަނޑު ދަމާލިއެވެ. އޭރު ރޭގަނޑު ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ކުއްލިއަކަށް އަންހެން ކުއްޖަކު ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. އިޝްފާން ކުއްލިއަކަށް ތެދުވީ އެއީ ޒައިނާއޭ އޭނާގެ ހިތް ބުނުމުންނެވެ. އެ ހިސާބުގަނޑުގައި ޒައިނާ ނޫން އެހެން މީހަކު އެގޮތަށް ހަޅޭއްނުލަވާނެކަން އޭނާއަށް އެނގޭތީއާވެސް އެކުގައެވެ.

އިޝްފާން ސޯފާއިން ތެދުވެގެން ގޮސް ގެއިން ނުކުތެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ޒައިނާމެންގެއާ ދިމާލަށް ހިނގައިގަނެވުނެވެ. ބައެއްފަހަރު ހިނގަން އުނދަގޫވިނަމަވެސް، އޭނާ ބާރު ފިޔަވަޅުތަކެއްގައި ގޮސް އެގޭގެ ގޯތި ތެރެއަށް ވަދެއްޖެއެވެ. ދޮރު ހުރީ ހުޅުވާފައެވެ. ދޮރު ކައިރިއަށް ހުއްޓުމާއެކު ލޮލުގައި އަޅައިގަތީ އަތުގައި އައިސް ޕެކެއް ޖައްސައިގެން ހުރެ ރޮމުން ދިޔަ ޒައިނާއެވެ. އެތަނުގައި ހުރި އިސްތިރި މޭޒާ ޒައިނާއަށް ބަލަހައްޓައިގެން ހުރި ނިހާދާ ޒައިނާ ހުރި ގޮތުން ވީ ގޮތް އޭނާާއަށް އަންދާޒާކޮށްލެވުނެވެ.

"އޭތް." އިޝްފާންއަށް ހަޅޭއްލަވައިގަނެވުނެވެ. ޒައިނާގެ ރުއިމާ ގިސްލުމުގެ އަޑާއެކު އޭނާގެ އެތެރެ ހަށީގައި މުޅީން އެހެން އިޙްސާސްއެއް ހޭލައްވާލައިފިއެވެ. ގަޔަށް ޖެހި އިންޖެކްޝަންގެ އަސަރު ހަށިގަނޑަށް ކުރަމުން ދިޔަ ނަމަވެސް، އޭނާއަށް އައިސްފައިހުރީ އައު ޖޯޝެކެވެ. އެ އަޑާއެކު ޒައިނާއާ ނިހާދުވެސް ބަލާލިއެވެ.

"ކަލޭ ކީއްތިކުރަނީ؟" ނިހާދު ހުތުރު ބަހަކުން އިޝްފާންއަށް ނިސްބަތްކޮށް ގޮވާލާފައި ސުވާލުކޮށްލިއެވެ.

"ކަލޭ ތީ ފިރިހެނެއްތަ؟ ނިކަމެތި އަންހެން ކުއްޖަކަށް ތިގޮތަށް އަނިޔާކުރަން؟" އިޝްފާން އެތެރެއަށް ފިޔަވަޅެއް އަޅާލިއެވެ.

"މިގެއަށް ވަދެގެން ނުވާނެ. ނުކުމޭ. މީ ކަލެއާ ބެހޭކަމެއް ނޫން." ނިހާދު ވެސް ހަޅޭއްލަވައިގަތެވެ. އޭނާ އިޝްފާންއާ ދިމާލަށް ދިޔަގޮތުން ހީވީ އިޝްފާންއަށް ބޮޑު އަނިޔާއެއް ދީފާނެހެންނެވެ. އެހެންނަމަވެސް ނިހާދަށް އިޝްފާންއަށް ހަމަލާއެއް ދެވޭގޮތެއް ނުވިއެވެ. އިޝްފާން ހުޝިއާރުކަމާއެކު، ނިހާދުގެ އަތުގައި ހިފައްޓާ ހޫރާލުމާއެކު، ނިހާދު ގޮސް ނުވެއްޓުނީ ކިރިޔާއެވެ.

އެ މަންޒަރު ބަލަން ހުރިއިރު ލޮލަށް ފުސްވާން ފެށުމުން، ޑްރަގް ގެ އަސަރު އޭނާއަށް މާ ބޮޑަށް ކުރަން ފެށީކަން އިޝްފާންއަށް ފަހުމްވިއެވެ. އެހެންނަމަވެސް، ޒައިނާ ދޫކޮށްލާފައި ދާން އޭނާގެ ހިތް އެއްބަހެއް ނުވިއެވެ.

"ޒައިނާ… އާދޭ..ދާން… މީ އެކީގައި އުޅެން ހެޔޮވާވަރުގެ މީހެއް ނޫން." ހަމަހޭގައި ނެތް އިޝްފާން ޒައިނާއާ ދިމާލަށް ހިނގައިގަތުމާއެކު، ނިހާދުގެ ލޭ ކެކިގަތެވެ. އޭނާ އިޝްފާންގެ ގަމީހުގެ ގިރުވާނުގައި ފަހަތުން ހިފާ ފަހަތަށް ވައްޓާލިއެެވެ. ބޯ ޖެހުމާއެކު، އިޝްފާންގެ އަނގައިން ވޭނީ އާހެއް ބޭރުވިއެވެ. އޭނާ ތެދުވަން އުޅުނު ނަމަވެސް، އެކަން ކުރަން އުނދަގޫވިއެވެ.

"ބޮއިގެން ދޯ… ފުލުހުންނާ ހަވާލުކުރާނީ." ނިހާދަށް އިޝްފާން ހުރި ޙާލަތު ދެނެގަނެވުމާއެކު ބުނެލިއެވެ.

"ކަލެ ތީ އަދި މާ ރަނގަޅު މީހެއްތަ؟ އަނބިމީހާއަށް އަނިޔާކޮށް. އެހެން…." އިޝްފާން ނިހާދަށް ބަލާލިއެވެ. ނިހާދު އިޝްފާންގެ ގިރުވާނުގައި ހިފައިގެން އޮވެ ވާހަކަ ދައްކަމުން ދިޔައެވެ.

"އެއީ މަގޭ އަނބިމީހާ. މަ ބޭނުން ގޮތަކަށް ކަންތައް ކުރާނީ. ކަލެއަކާ ބެހޭކަމެއް ނޫން. ދުރުގަ ހުރޭ."ނިހާދު އިޝްފާންގެ އަނގަމަތީގައި އެތިފަހަރެއް ވީއްލައިލުމާއެކު، ތުންފަތް ފަޅައިގެން ގޮސް ލޭތަށް އޮހެން ފެށިއެވެ.

"ނިހާދު. ނޫން… ދޫކުރޭ…" ޒައިނާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

"ތިހުރިތާ މަޑުކުރޭ. ކަލެއާ މީނަޔާ ގުޅުމެއް ނެތިއްޔާ ކީއްވެތަ އެހާ ފުއްޕަނީއެ." ނިހާދު ޒައިނާއަށްވެސް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. ނިހާދުގެ އަޑުގައި ހުރި ހަރުކަށިކަމާއެކު، ޒައިނާއަށް މަޑުޖެހެވުނެވެ. އިޝްފާން އޮތް ޙާލަތު އޭނާއަށް އެނގުމާއެކު އިތުރަށް ކަންބޮޑުވާގޮތްވިއެވެ. ނިހާދު އިޝްފާންއަށް އިތުރު އަނިޔާއެއް ދީފާނެތީއެވެ.

"ކަލެ ތީ އަދި މާ މާތްމީހެއްތަ ތި ވައްތަރަށް ވާހަކަ ދައްކަން. އަނތްބަކު ހުރެ ހިލޭ އަންހެނުންނާ ގުޅުން ބާއްވަމުން ދާއިރު ހިތަކަށް ނާރާތަ އެއްވެސް…" އިޝްފާންއަށް އެ ހިސާބަށް ބުނެވުނުތަނާ ނިހާދުގެ އަތުގެ ދެވަނަ ހަމަލާ އޭނާގެ ކޯތާފަތަށް އަމާޒުވިއެވެ. ހަމަހޭގައި ނެތް އިޝްފާން ހީނގަތެވެ.

"ކީކޭ ތި ބުނީ؟" އެ އަޑު ޒައިނާގެ ކަންފަތުގައި ޖެހުމާއެކު އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތެއް ވެގެން ދިޔައެވެ.

"ކަލޭ…" ނިހާދު ހަމަލާއަކަށްފަހު ހަމަލާއެއް އިޝްފާންއަށް ދެމުން ދިޔައެވެ.

"ކަލެ މަގޭ ގައިގަ ކިތަންމެ ވަރަކަށް ތެޅިޔަސް، ކަލޭ އެހެން އަންހެނުންނާ ގުޅުން ނުބާއްވާ ކަމަކަށް ނުވާނެ. ކޮން ނަމެއްތަ އެ އަންހެން ކުއްޖާއަށް ކިޔަނީ… ހަހަހަ. އާނ.. ޒީ… ޒީއާއެކީ ބީޗްގަ ރޮމޭންސްކުރާކަން ވެސް މަށަށް އެނގޭ…" އިޝްފާން އެ ޙާލުގައިވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.

"އޭތް މަޑުން އޮވޭ… " ނިހާދުގެ ރުޅިގަނޑު ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ. އިޝްފާންއަށް ނިހާދު އެހާ ބޮޑަށް އަނިޔާކުރާތަން ބަލަން ހުންނަން އުނދަގޫވި ޒައިނާ އައިސް ނިހާދުގެ އަތުގައި ހިފެއްޓިއެވެ.

"ދޫކުރޭ…" ނިހާދު ޒައިނާގެ އަތް ފޮޅުވާލިއެވެ.

"ހަހަހަ. ޒީ… ހަހަހަ..." އިޝްފާން ހެމުން ދިޔައެވެ. އޭރު އޭނާގެ ދެލޯވެސް ދިޔައީ މެރެމުންނެވެ. އިޝްފާންގެ ހޭވެރިކަން އެކީ ދިޔައީ އެ ނަގައިގެން ހުރި ޑްރަގްގެ ސަބަބުންނެވެ. އެއާއެކު ނިހާދު އިޝްފާންގެ ގަމީހުގެ ގިރުވާނުން ދޫކޮށްލާ ތެދުވެލިއެވެ.

"ތެދެއްތަ އެއީ؟" ޒައިނާ ނިހާދާ ކުރިމަތިލިއެވެ. އިޝްފާން އެބުނީ ތެދެއްކަން ޒައިނާއަށް ޔަޤީންވާ ފަދައެވެ. ރޭގަނޑު އެ އަންނަ ގޮތް ނޭނގޭ ފޯނު ކޯލުތަކާ، ނިހާދު ބޭރަށް ދިޔުމާ، ގެއަށް ނާންނަ ރޭތައް ގިނަކަމުން އިޝްފާން އެ ދައްކަނީ ތެދެއް ވާހަކަ ތަކެއްކަމުގައި ޒައިނާގެ ހިތް ބުނަނީއެވެ،

"އޭނަ ދައްކާ ވާހަކަތަ ގަބޫލުކުތިރަނީ؟ މަމީ ކަލޭގެ ފިރިމީހާ…" ނިހާދު ބުންޏެވެ.

"ފިރިމީހާ ވީމަތަ އަނިޔާ ތިކުރަނީ؟ ރޭގަނޑު އެ އަންނަ ފޯނު ކޯލުތަކާ، ދަންވަރު ބޭރުގަ އުޅުމާ… އަހަންނަށް ސަމާލުކަން ނުދިނުމާ މިހިރަ މިހިރަ ކަންކަމުން އަހަންނަށް ވެސް އޭނަގެ ވާހަކަ ގަބޫލު ކުރެވޭނެއެއް ނޫންތަ؟" ޒައިނާ ބުނެލިއެވެ. ނިހާދުގެ ފަރާތުން ކޮންމެ ފަދަ އަނިޔާއެއް ލިބުނު ނަމަވެސް، އޭނާ މިރޭ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.

"ބުނޭ… ހަމަ މިހާރު ބުނޭ ތެދެއް ދޯ އެއީ؟" ޒައިނާ ކެނޑި ނޭޅި ނިހާދާ ސުވާލުކުރަން ފެށުމުން އެންމެ ފަހުން ނިހާދު އާއެކޭ ބުނެ ހަޅޭއްލަވައިގަތެވެ.

"އާނ. ކަލެއަށް ކީކުރެވޭނީ؟ ކަލޭ ޖެހޭނީ ހަމަ ތިހެން ހުންނަން." ނިހާދު ޒައިނާގެ އަނގަޔަށް ފިތާލިއެވެ.

"ދޫކުރޭ…" އުނދަގުލުން ބުނެލާފައި ނިހާދުގެ އަތް ފޮޅުވާލަން ޒައިނާ މަސައްކަތްކުރިއެވެ.

"އޭނައާ ހެދި ހާދަވަރެއް ވެފައޭ ދޯ ތިހުންނަނީ؟ ކަލޭ ހީކުރީ މަގޭ ފަރާތުން ސަލާމަތްވެގެން އެހެން މީހަކާ އެހާ ފަސޭހައިން އިނދެވޭނެކަމަށްތަ؟" ނިހާދު ހަޅޭއްލަވައިގަތެވެ.

"ކަލޭ ހުންނަން ޖެހޭނީ މަގޭ އަނތްބެއްގެ ގޮތުގަ. ވަރިއެއްވެސް ނުކުރާނަން. އެހެންމީހުންނާ ގުޅުންވެސް ބާއްވާނަން. ހުރޭ…" އެހެން ބުނެލާފައި ނިހާދު ޒައިނާ ކޮށްޕާލުމާއެކު ޒައިނާ ނުވެއްޓުނީ ކިރިޔާއެވެ. އޭރުވެސް ނިހާދު އިސްތިރި ޖެއްސި ތަނުން އިންތިހާއަށް ދިލަ ނަގަމުން ދިޔައެވެ.

ނިހާދު ގޮސް އިޝްފާންގެ މޫނުގައި ފައިން ޖަހާލިއެވެ. އޭނާ ނުހޭލުމުން ޖީބުގައި އޮތް ފޯނު ނަގާ ނަބްރަކަށް ޑައިލްކޮށްލިއެވެ.

*****

އިޝްފާންއަށް ހޭލެވުނީ އޭނާގެ މޫނަށް މީހަކު ފެން ބުރުވާލުމާއެކުގައެވެ. ބަރުވެފައިވާ ދެލޯ ހުޅުވާލުމާއެކު، އެޅުނު ގަދަ އައްޔާއެކު ދެލޯ މަރައިލެވުނެވެ.

"ހޭލެވިއްޖެ؟" ކުރިމަތިން އިވުނު އަޑާއެކު އިޝްފާން ދެލޯ އުނގުޅާޅަން އުޅުނު ނަމަވެސް، އޭނާގެ ދެއަތް ބަނދެފައިވާ އިިޙްސާސްއާއެކު އެކަން ކުރަން އުނދަގޫވިއެވެ. ރަނގަޅަށް ބަލައިލުމާއެކު، އޭނާގެ އަތުގައި އަޅުވާފައިވާ ބިޑި ފެނުނެވެ. ވަށައިގެން ބަލައިލުމާއެކު، އެ އިނދެވުނީ ފުލުހުންގެ އިދާރާގައިކަން އޭނާއަށް އެނގުނެވެ. މޭޒުގެ އެއްފަރާތުގައި ހުރި ގޮނޑީގައި އޭނާ ބައިންދާފައި އިންއިރު، އެތަނުގައި ދެ ފުލުސް އޮފިސަރުން ތިއްބެވެ. އިޝްފާންއަށް ރަނގަޅަށް ހޭލެވުމާއެކު އެ ދެމީހުން ގޮސް އަނެއް ފަރާތުގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.

"މިތަނަށް ގެންނަން ޖެހުނު ސަބަބު ހަނދާންއެބަހުރިތަ؟ ނޫނީ ހަނދާންކޮށްލަދޭންވީތަ؟" ފުލުސް މީހާ ސުވާލު ކޮށްލުމާއެކު އިޝްފާން އޭނާގެ ސިކުނޑިއަށް ބާރުލާން ފެށިއެވެ. އިސާހިތަކު ޒައިނާމެން ގޭގައި ހިނގި ހާދިސާ އޭނާގެ ލޯ ކުރިމައްޗަށް ސިފަވާން ފެށިއެވެ.

"އިޝްފާން ދޯ ނަމަކީ…" އެތަނުގައި އިން ދެވަނަ ފުލުސް މީހާ ސުވާލުކޮށްލިއެވެ.

އިޝްފާން އެއްޗެއް ނުބުނެ އިންނަން ފެށުމުން އޭނާ ދެވަނަ ފަހަރަށްވެސް ސުވާލުކޮށްލިއެވެ. މިފަހަރުވެސް އިޝްފާން ޚިޔާރުކުރީ ހިމޭންކަމެވެ.

"ގެއަކަށް ވަށްކަން ކުރަން ވަނުމަކީ ކިތައް އަހަރުގެ ޖަލު ހުކުމެއް އަންނަކަމެއްކަން އެނގޭތަ؟" އެމީހުން ކުރި އެ ސުވާލާއެކު، އިޝްފާންއަށް ހައިރާންކަން ވެރިވިއެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި އެއީ ނިހާދު ދިން މައުޟޫމާތުކަން އޭނާއަށް ފަހުމްވެއްޖެއެވެ.

"އޭގެ އިތުރުން، އިޝްފާން ހުރީ ހަމަހެޔަކުވެސް ނޫން. ހައްޔަރުކުރެވިފައި ތިވަނީ މަސްތުގެ ޙާލަތުގައި. " އެންމެ ފުރަތަމަ އިޝްފާންއާ ވާހަކަ ދެއްކި ފުލުސްމީހާ އަނެއްކާވެސް ބުނެލިއެވެ. އިޝްފާން އޭނާގެ ނަމަށް ބަލާލިއެވެ. ޓެގުގައި ޖަހާފައި ވަނީ ޖައިލަމްއެވެ. ދެން އިން މީހާއަށް ކިޔަނީ ލަހުފާންއެވެ.

އެމީހުން އިޝްފާންއާ ސުވާލުކުރިނަމަވެސް، އިޝްފާން އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެނެއްކަމަކު އޭނާ ހުރީ ނިހާދު ދެކެ އިންތިހާއަށް ރުޅިއައިސްފައެވެ. އޭނާ ދިޔައީ ހިތުން ނިހާދާ ދިމާލަށް ވެސް އެތިވަރު ގޮވަމުންނެވެ. އޭގެ އިރުކޮޅެއްފަހުން، އިތުރު ފުލުހަކު އެތަނަށް ވަދެފައި ޖައިލަމްގެ ކަންފަތްދޮށުގައި ކޮންމެވެސް އެއްޗެއް ބުނެލިއެވެ. އެއާއެކު ޖައިލަމްއަށް އިޝްފާންއަށް ބަލައިލެވިއްޖެއެވެ.

(ނުނިމޭ)