މީގެ ހަ މަސް ކުރިން ޖައްވަށް ފޮނުވި ޗައިނާގެ ތިން އެސްޓްރޮނޯޓުން ޖައްވުގައި އުޅުމަށްފަހު އެނބުރި ބިމަށް ސަލާމަތުން އަތުވެއްޖެއެވެ.

ތިން އެސްޓްރޮނޯޓުން ގޮވައިގެން ދަތުރުކުރި ޗައިނާގެ ޖައްވީ އުޅަނދުގެ ރިޓާނިން ކެޕްސޫލް، އުތުރު ޗައިނާގެ އިނާ މޮންގޯލިއާ އޮޓޮނޮމަސް ސަރަޙައްދުގެ ޑޮންގްފެންގް ލޭންޑިން ސައިޓުގައި ޖައްސާފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.

އެސްޓްރޮނޯޓުން ކަމަށްވާ ޓޭންގް ހޮންގްބޯ، ޓޭންގް ޝެންގްޖީ އަދި ޖިއާންގް ޝިންލިން ގާތްގަނޑަކަށް ހަ މަސް ވަންދެން ޗައިނާގެ ޖައްވީ ސްޓޭޝަން "ޓިއަންގޮންގް ސްޕޭސް" ސްޓޭޝަނުގައި މަޑުކުރިއެވެ.

މި ތިން އެސްޓްރޮނޯޓުންގެ ހާލު ވެސް ރަނގަޅު ކަމަށް ޗައިނާގެ ސްޕޭސް އެޖެންސީން ބުނެއެވެ.

އެ މީހުން އެނބުރި ބިމަށް އައިސްފައިވަނީ ޗައިނާގެ އެހެން ތިން އެސްޓްރޮނޯޓުން ކަމުގައިވާ ޔެ ގުއާންފޫ އާއި ލީ ކޮންގް އަދި ލީ ގުއާންގްސޫ އާއެކު ޝެންޒޫ-18ގެ ނަންދީފައިވަ ޖައްވީ އުޅަނދެއްގައި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.

ޝެންޒޫ-18 ޖައްވީ އުޅަނދު މިދިޔަ ހަފުތާގައި ޖިއުކުއާން ސެޓެލައިޓް ލޯންޗް ސެންޓަރުން ތިން ފަޅުވެރިންނާއެކު ޖައްވަށް ދަތުރުކޮށް ޖައްވުގައި ތިބި އެންސްޓްރޮނޯޓުން ބިމަށް ސަލާމަތުން ގެނެސްފައިވާއިރު، މިއީ ޗައިނާގެ ސްޕޭސް ސްޓޭޝަންގެ އެޕްލިކޭޝަން އެންޑް ޑިވެލޮޕްމަންޓް މަރުހަލާގައި އިންސާނުންނާ އެކު ހިންގާ ޖައްވީ ޕްރޮގްރާމްގެ 32 ވަނަ ފްލައިޓް މިޝަން އަދި ތިން ވަނަ އިންސާނުން ހިމެނޭ މިޝަން ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.

ޗައިނާއަކީ ޖައްވުގައި ހިންގާ ތަފާތު ހަރަކާތްތައް އިތުރުކޮށް އެމެރިކާއާ ވާދަ ކުރުމުގައި އެންމެ ކުރީގައި އުޅޭ ގައުމެވެ. ޗައިނާޢިން ވަނީ 2030 ވަނައަހަރުގެ ކުރިން ހަނދަށް އިންސާނުން ފޮނުވަން މިޝަން އެއްވެސް ފަށާފައެވެ.