01 May 2024, 10:34
ރަހީނުން މިނިވަންކުރުމުގެ އެއްބަސްވުމެއް ނެތް ނަމަވެސް ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް އެއްގަމު މަގުން އަރައި ހަމަލާދޭނެ ކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
ނަތަންޔާހޫ އެގޮތަށް ވިދާޅުވީ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އިސްރާއީލަށް ވަޑައިގަތުމުގެ ގަޑިއެއްހާއިރު ކުރިންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހު ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ދިން ހަމަލާގެ ބަދަލުހިފުމަށް، ހަމާސް ނައްތައިނުލެވެނީސް ހަނގުރާމަ ނުހުއްޓާނެ ކަމަށް ނަތަންޔާހޫ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
"އަހަރެމެން ރަފަހްއަށް ވަންނާނަން. އެއްބަސްވުމެއް ނެތް ނަމަވެސް ހަމާސް ބަލިކުރާނަން،" ނަތަންޔާހޫ ވިދާޅުވިއެވެ.
ނަތަންޔާހޫ އެގޮތަށް ވިދާޅުވެފައިވަނީ ގާތްގަނޑަކަށް ހަތް މަސް ވެފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ބެހޭ މަޝްވަރާތައް އެމެރިކާއާއި މިސްރު މެދުވެރިކޮށް ހަމާސްއިން ކުރަމުން އަންނަނިކޮށެވެ.
އިސްރާއީލުގެ އެންމެ ފަހުގެ ހުށަހެޅުމުގެ ފުރަތަމަ ފިޔަވައްސެއްގެ ގޮތުގައި އެދިފައިވަނީ ހަމާސް ޖަމާއަތުގެ އަތްދަށުގައި މި ވަގުތު ތިބީ 130އެއްހާ އަސީރުންގެ ތެރެއިން 40 ވަރަކަށް މީހުން މިނިވަން ކުރުމަށެވެ. ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަންކުރަން އިސްރާއީލުން ވަނީ އެއްބަސްވެފައެވެ. އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާން މެދުކަނޑައިލަން ވެސް އެއްބަސްވާނެ ކަމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.
އެ ހުށަހެޅުމާ ގުޅިގެން މިސްރުގެ ވެރިރަށް ގާހިރާގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ހަމާސްއިން ބުނީ 40 ދުވަހަށް ހަނގުރާމަ ހުއްޓާލުމާއި ގިނަ އަދަދެއްގެ ފަލަސްތީނުގެ ގައިދީންގެ ބަދަލުގައި ހަމާސްއިން ރަހީނުކޮށްފައިވާ އެތައް ބަޔަކު މިނިވަންކުރުމުގެ ޕްލޭނެއް އެކުލަވާލުމަށް ވިސްނަމުންދާ ކަމަށެވެ.
އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 34,488އަށް އަރައިފައެވެ. އޭގެ ތެރޭގައި 25,000 އެއްހާ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 77,643 އަށް އުފުލިފައެވެ.