01 May 2024, 13:27
ސައުދީ އަރަބިއްޔާގެ އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.
ފެންބޮޑުވުމާ ގުޅިގެން މަގުތައް ބަންދުކޮށް ދަތުރުފަތުރުނުކުރުމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިކަމާ ގުޅިގެން ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ.
އެ އިދާރާއިން ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި އަލްމަދީނާ ސަރަހައްދަށް ރެޑް އެލާޓް ނެރެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކޮށްފައެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ އަލް އޫލާއާއި އަލް މަދީނާގައެވެ.
އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުސްލިމުންގެ ދެވަނައަށް އެންމެ މާތް މިސްކިތް މަސްޖިދު އަލް ނަބަވީއަށްވެސް ވަރަށް ބޯކޮށް ވާރޭވެހުނެވެ.
ސައުދީގެ އުތުރުގެ އެ ސަރަހައްދުތަކަށް ފެންބޮޑުވެފައި ވަނީ އަވަށްޓެރި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި އޮމާނަށް ފެންބޮޑުވިކަމަށް ރިޕޯޓުކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.
ދެހާސް ބާވީސް ވަނަ އަހަރުގެ ނޮވެމްބަރު މަހުވެސް ސައުދީ އަރަބިއާއަށް ވަރަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ޖިއްދާ ސިޓީއަށް ވަރަށް ބޮޑަށް ގެއްލުންވިއެވެ.