މި ވަގުތު ދުނިޔޭގައި ތިބި އެންމެ މަގުބޫލު މޮޑެލްތަކުންގެ ތެރޭގައި ހިމެނޭ ބެލާ ހަދީދު މޮޑެލް ކުރުމުން ނެގި ބްރޭކަށް ފަހު، އެނބުރި ނުދާ ކަހަލަ ހިޔާލެއްގައި ހުރި ކަމަށް އޭނާ ބުނެފިއެވެ.

މިދިޔަ އަހަރުގެ އެންމެ ބޮޑެތި ފެޝަން އިވެންޓުތަކުގައި މޮޑެލިންގެ އެންމެ ފާހަގަކުރެވޭ މޫނު، ޒުވާން މޮޑެލް ބެލާ ނުފެންނަ ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. އަދި, އެތައް ބަޔަކު އިންތިޒާރު ކުރަމުން ދަނީ ބެލާ އަލުން ރަންވޭއިން ފެންނާނެ ދުވަހަކަށެވެ.

ނަމަވެސް ސިއްހަތު ހުރި ގޮތުން ބެލާ ވަނީ މޮޑެލިންއާ ދުރަށް ޖެހިލައި މޮޑެލިންއިން ބްރޭކެއް ނަގާފައެވެ. ބެލާ މޮޑެލިންއާ ދުރަށް ދިޔުމަށް ނިންމާފައިވަނީ އޭނާއަށް ލައިމް ބަލި ޖެހިފައިހުރުމުގެ ސަބަބުން މަސައްކަތް ކުރެވެން ނެތް ކަމަށް ބުނެއެވެ.

އެއަށް ފަހު ބެލާ ސޯޝަލް މީޑިއާއިން މަދުމަދުން ފެނުނު ނަމަވެސް އާންމުންގެ ކުރިމަތީން އޭނާ ފެނިފައެއ ނުވެއެވެ.

ދާދި ފަހުން ބެލާ "ދަ ހޮލީވުޑް ރިޕޯޓާ"އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މޮޑެލް ކުރުމުގައި 10 އަހަރު އުޅުމަށް ފަހު މިހާރު ބޭނުންވަނީ އަމިއްލަ ނަފުސަށް ފައިދާވާނެ އަދި ހިތްހަމަ ޖެހޭނެ ކަމެއް ކުރަން ކަމަށެވެ.

"މި ހުރިހާ ދުވަހު މޮޑެލް ކުރުމުގައި އަސްލު އެހާ ހަކަތައާއި ވަގުތު ހޭދަކުރިއިރު އަމިއްލަ ހިތްހަމަ ޖެހުމަށް މާ ބޮޑު ކަމެއް ކުރެވިފައެއް ނުވޭ. އަދި، އަމިއްލަ މާ ބޮޑު އުފަލެއް ލިބުން ކަމެއް ކަމުގައި ގަބޫލެއް ނުކުރެވޭ،" ބެލާ ބުންޏެވެ.

މިހާރު ހުރިހާ ވަގުތެއް ހޭދަކުރަނީ އަމިއްލަ ދުޅަހެޔޮކަމާއި އުފަލަށް ރަނގަޅު ބަދަލު ގެންނާނެ ކަންތައް ކަމުގައި ބެލާ ބުންޏެވެ. މީގެ ކުރީން އެންމެ ހިތް ހަމަ ނުޖެހޭ ކަންތައްތައް ވެސް ކުރަން ޖެހުނު ކަމަށާއި މިހާރު ހިތްހަމަނުޖެހޭ ކަމެއް އޮތް ނަމަ އެކަންތައް ނުކުރާ ކަމަށް އޭނާ ފާހަގަކުރިއެވެ. އޭގެ ތެރޭގައި، ބޭކާރު އިވެންޓުތަކަށް ދިޔުން ފަދަ ހަރަކާތްތައް ހިމެނޭ ކަމަށް ބެލާ ބުންޏެވެ.

ބެލާ ބުނަނީ ކުރިއަށް އޮތް ތަނުގައި މޮޑެލް ނުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އަދި ސީދާ އެކަމަށް ގޮތެއް ނުނިންމާ ކަމަށް ބެލާ ބުންޏެވެ. މޮޑެލް ކުރަން އަލުން ދިޔުމަކީ މާ އިންތިޒާރުކުރާ ކަމަކަށް ނުވާތީ އެކަމުން އެއްކޮށް އެއްފަރާތްވުން ވެސް އެކަށީގެންވާ ކަމަށް ބެލާ ބުންޏެވެ.