ސިނަމަން ވެލި ފުށި ރިސޯޓްގެ ލޯންޗެއް ވަގަށް ނަގައިގެން އެކަނި ދުއްވާފައި މާލެއައި 14 އަހަރުގެ ފިރިހެން ކުއްޖާ ހޯދައި، އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އިއްޔެ މުޅި ރާއްޖޭގެ ސަމާލުކަމަށް މި ކުޑަ ދެ ކުދިންގެ މައްސަލަ އައީ މެދު ރާއްޖެތެރޭގެ ރަށަކުން ލޯންޗެއް ވަގަށް ނަގައިގެން ކުޑަ ފިރިހެން ކުއްޖަކު މާލެ އައުމުންނެވެ. އެ ކުއްޖާ މާލެ އައީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުޑަ އަންހެން ކުއްޖަކު ސަލާމަތް ކުރުމަށް ކަމަށް ބުނެވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ލޯންޗުގައި މާލެ އައީ 14 އަހަރުގެ ފިރިހެން ކުއްޖެއްކަން ދެނެގަނެވިފައިވާ ކަމަށެވެ. އެ ކުއްޖާ މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ވައްކަމުގެ ބޮޑު ތުހުމަތެއް ކުރެވޭ މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.

ފުލުހުންގެ އޮފިޝަލް އިތުރަށް ވިދާޅުވީ ހުޅުމާލޭ ފޭސް ދެއަކުން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އިއްޔެ ރިޕޯޓްކުރި ކަމަށެވެ. އެ ކުއްޖާ ފެނިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ފިރިހެން ކުއްޖާ ފިލައިގެން ގޮސްފައިވަނީ އިއްޔެ ހެނދުނު ކަމަށް އެ ކުއްޖާ ނިސްބަތްވާ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ލޯންޗު ވަގަށް ނަގައިގެން ކުއްޖާ ދިޔަކަމަށް ތުހުމަތުކުރެވެނީ ރަށުގައި އަޅާފައި އޮތް ލޯންޗާ އެކު އެ ކުއްޖާ ވެސް ގެއްލުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށު އާންމުންގެ މީހަކު "ސަން"އަށް މައުލޫމާތު ދެމުން ތުހުމަތުކުރި ގޮތުގައި، އެ ކުއްޖާ މާލެ އައީ ލޯބިވެރިޔާއާ ބައްދަލުކުރާށެވެ.

އެ ކުއްޖާގެ ލޯބިވެރިޔާ އުޅެނީ ހުޅުމާލޭގައި ކަމަށާއި އެ ކުއްޖާ މާލެ އައީ މަންމަގެ ކޭޝް ކާޑާއި ފޯނު އަދި ބައެއް އަންނައުނު ވެސް ހިފައިގެން ކަމަށް ވެސް އޭނާ ތުހުމަތުކުރިއެވެ.

މި މައްސަލައާ ގުޅިގެން އިއްޔެ ފުލުހުން ބުނީ، މ. އަތޮޅުން ލޯންޗެއް ގެއްލިގެން މިއަދުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ލޯންޗު ހުޅުމާލޭ، އެމްޓީސީސީ ފެރީ ޓާމިނަލް ކައިރީ ފަޅުގައި އޮއްވައި މިހާރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.