ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި ހެދުން އެޅި ގޮތުގެ ސަބަބުން ސައުދީ އަރަބިއާގެ އަންހެނަކު 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ތުހުމަތުކޮށްފިއެވެ.

ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމުއިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ އެ އަންހެންމީހާ މިނިވަން ކުރުމަށް ގޮވައިލައިފައެވެ. އުމުރުން 29 އަހަރުގެ މަނާހެލް އަލް އޮތައިބީ ކިޔާ އެ އަނެހެންމީހާއަކީ ފިޓްނަސް އިންސްޓްރަކްޓަރެކެވެ.

ލަންޑަންގައި ހުންނަ އެމްނެސްޓީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަނާހެލް މައްޗަށް ހުކުމްކޮށްފައި ވަނީ ޖެނުއަރީ މަހު ކަމަށެވެ.

އެ ހުކުމާ ގުޅިގެން ސައުދީ އަރަބިއްޔާއިން އދ.އަށް ޖަވާބުދިން ގޮތުގައި މަނާހެލްގެ މައްޗަށް ސާބިތުވެފައި ވަނީ ޓެރަރިޒަމްގެ ކުށްތަކެކެވެ. ނަމަވެސް އެމްއެންސްޓީން ބުނާ ގޮތުގައި އޭނާ ހައްޔަރުކުރީ، ސައުދީގައި އަންހެނުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ އޭނާ ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

އެމްނެސްޓީން ބުނީ މަނާހެލްގެ ކޮއްކޮ ފައުޒިއާގެ މައްޗަށް ވެސް މިފަދަ ދައުވާތަކެއް އުފުލި ކަމަށާއި ނަމަވެސް 2022 ވަނަ އަހަރު އޭނާއާ ސުވާލު ކުރުމަށް ޗިޓް ފޮނުވުމުން އޭނާ ސައުދީން ފިލައިފައިވާ ކަމަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރު މުޙައްމަދު ބިން ސަލްމާން ވަލީއަހުދުގެ މަގާމަށް ވަޑައިގެންނެވި ފަހުން، ސައުދީގައި މީގެ ކުރިން އަންހެނުން ކުރުން މަނާކޮށްފައިވާ ބައެއް ކަންކަމަށް ހުއްދަ ދީފައިވެއެވެ. އެގޮތުން ކާރު ދުއްވުމާއި، އަމިއްލަ ޕާސްޕޯޓް ގެންގުޅުމާއި، ކައިވެންޏާއި ވަރި ރަޖިސްޓްރީކުރުމުގެ ހުއްދަ އަންހެނުންނަށް ވަނީ ދީފައެވެ.