02 May 2024, 15:59
ވިޔަފާރިވެރިންގެ އިތުރުން ޢާއްމުންގެ މެދުގައި ވެސް އިތުބާރު ހޯދަމުން އަންނަ ވަޓްސްއެޕް އެޕްލިކޭޝަނުން، ކޮމިޔުނިޓީ ގްރޫޕްތަކަށް މުޅިން އާ ފީޗާތަކެއް އިތުރުކޮށްފިއެވެ.
ވަޓްސްއެޕު ކޮމިއުނިޓީ ގްރޫޕްތަކުގެ ތަޖުރިބާ ޔޫޒަރުންނަށް އިތުރަށް ޝައުގުވެރިކޮށް، އެއްބާރުލުން ދިނުމުގެ މަގުސަދުގައި މެޓާއިން އާ ފީޗާތަކެއް ތައާރަފުކޮށްފައިވާއިރު، މި އަޕްޑޭޓްތަކުގެ ތެރޭގައި އިވެންޓްތައް އުފެއްދުމުގެ ގާބިލުކަމާއި އެޑްމިންގެ މެސެޖްތަކަށް ސީދާ ރިޕްލައިދިނުމުގެ ފުރުސަތު މެންބަރުންނަށް އޮންނާނެއެވެ.
އާ އިވެންޓްސް ފީޗާގެ ދަށުން ވަޓްސްއެޕް ކޮމިއުނިޓީގައި ހިމެނޭ ކޮންމެ ގްރޫޕެއްގެ މެންބަރަކަށް ވެސް އިވެންޓެއް އުފައްދައި އެހެން ބައިވެރިންނަށް ދައުވަތު ދެވޭނެއެވެ. އެއީ، ވާޗުއަލް މީޓްއަޕް، ޕާޓީ، ނުވަތަ އެ ނޫން ވެސް ބާވަތެއްގެ ގެޓްޓުގެދާއަކަށް ވެދާނެއެވެ.
އިވެންޓެއް އިންތިޒާމުކުރާއިރު، އެ އިވެންޓެއް ފެށުމުގެ ކުރިން މެންބަރުންނަށް ދައުވަތު ފޮނުވުމާއި، ބައިވެރިވާ މެންބަރުންގެ ލިސްޓުތައް ދެނެގަތުމުގެ އިތުރުން، އެ އިވެންޓަކަށް ހަނދާން ވެސް ކޮށްދެވިދާނެއެވެ.

ވަޓްސްއެޕް ކޮމިޔުނިޓީގެ އާ ފީޗާތައް --
މެޓާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގްރޫޕެއްގެ ކޮންމެ މެންބަރަކަށް ވެސް އެ ގްރޫޕެއްގެ ތެރޭގައި މިހާރު އިވެންޓްތައް ހެދޭނެ ކަމަށާއި، އިވެންޓެއް އުފެއްދުމަށް ގްރޫޕް ޗެޓް ޓެކްސްޓް ފީލްޑްގައި ހުންނަ ޕޭޕަކްލިޕް އައިކަންއަށް ޓެޕްކޮށް، ޕޯލްސް އަދި ޕޭމަންޓް ފަދަ މިހާރު ހުރި ވަސީލަތްތަކާ އެކު އިވެންޓްސް އޮޕްޝަން ވެސް އިޚުތިޔާރު ކުރެވޭނެއެވެ.
މެޓާއިން ބުނީ އެ ގްރޫޕެއްގެ މައުލޫމާތު ޕޭޖުން އިވެންޓްތައް ފެންނާނެ ކަމަށާއި ހުރިހާ މެންބަރުންނަށް ވެސް އޯވަވިއުއެއް ލިބޭނެ ކަމަށެވެ.
އިވެންޓްތަކުގެ އިތުރުން ވަޓްސްއެޕުން އަންނަނީ ކޮމިއުނިޓީ ގްރޫޕެއްގައި ތިބޭ މެންބަރުންނަށް ޚާއްސަކޮށްގެން ގުރޫޕްގައި ޕޯސްޓްކުރާ މެސެޖުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު ވެސް ތައާރަފުކުރަމުންނެވެ. މީގެ ކުރިން ކޮމިޔުނިޓީ ގްރޫޕެއްގައި ޕޯސްޓް އަޕްޑޭޓް ކުރެވޭނީ ހަމައެކަނި އެޑްމިނުންނަށެވެ. އެހެން މެންބަރުންނަކީ ވިއު އޮންލީ ނުވަތަ ހަމައެކަނި މެސެޖް ބެލުމުގެ ފުރުޞަތު އޮންނަ ބައިވެރިންނެވެ.
"މި ފީޗާ ފަރުމާކޮށްފައިވަނީ އެޑްމިނުންނަށް މުޖުތަމައުގެ ފީޑްބެކް އެއް ތަނަކުން ލިބޭނެ ގޮތަށް، އަދި ރިޕްލައި ނޮޓިފިކޭޝަންތައް ކޮންމެ މީހަކަށް ވެސް ބޭނުން ނަމަ މިއުޓް ކުރެވޭނެ،" މެޓާގެ އިއުލާންގައި ބުނެފައިވެއެވެ.
މި އަޕްޑޭޓްތަކަކީ މިދިޔަ އަހަރު ވަޓްސްއެޕް ކޮމިއުނިޓީތައް ތައާރަފުކުރި ފަހުން އެ ސޮސައިޓީތަކުގެ އެއްބާރުލުން އިތުރުކުރުމުގެ ގޮތުން މެޓާއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގެނައި އަޕްޑޭޓްތަކެކެވެ.
އާ އިވެންޓްސް ކެޕޭސިޓީ މިހާރު އޮތީ ކޮމިއުނިޓީތަކުގެ ތެރޭގައި ހިމެނޭ ގްރޫޕްތަކަށް އެކަނި ނަމަވެސް ކުރިއަށް އޮތް މަސްތަކުގައި ހުރިހާ ގުރޫޕަކަށް ވެސް މި ކެޕޭސިޓީ ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.