ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވަނީ އެރަށްރަށުގެ އުމްރާނީ ތަރައްގީއަށް މަސައްކަތްތައް ކުރެވޭ ގޮތުން ކަމަށް ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މާލެއާއި އަތޮޅުތަކުގެ ރަށްތަކަށް މިހަފުތާގައި ކުރި ވިއްސާރައިގައި އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން، ބައެއް ރަށްތަކުގެ މަގުތަކުގައި ފެންބޮޑުވެ، ގޭބީސީތަކުން ވަގުތީ ހިޔަލަށް ބަދަލު ކުރަންޖެހުނު ހާލަތަށް ވެސް ދިޔައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މިނިސްޓަރު ވިދާޅުވީ ވިއްސާރައިގައި ކ. މާފުށި، ށ. ފޯކައިދޫ އަދި ކ ގުރައިދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ.

"މާފުއްޓާއި ގުރައިދުއަށް އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން ޒިޔާރަތްވެސް ކުރިން. މި ޒިޔާރަތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ވަރަށް ބޮޑެތި ގެއްލުންތަކެއް. ޚާއްސަކޮށް ފެންބޮޑުވުމާއި ނަރުދަމާގެ މައްސަލަތައް ޖެހުމާ ގުޅިގެން ނަޖިސް ގޭތެރެއަށް ފެތުރިގެން ދިޔުމާއި މިކަހަލަ ކަންކަމުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ ހުރިކަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކުން އެއް ކުރެވުނު މައުލޫމާތަށް ރިއާޔަތްކޮށް މިނިސްޓަރު ވިދާޅުވީ ފެންބޮޑުވުމުގެ ހާދިސާތައް ދިމާވަނީ ރަށްރަށުގެ އުމްރާނީ ތަރައްގީއަށް މަސައްކަތްތައް ކުރެވޭ ގޮތުން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

އޭގެ ތެރޭގައި ބިން ހިއްކުން ފަދަ މަޝްރޫއުތައް ހިންގާއިރު ބައެއް ކަންތައް ނުކޮށް ދޫކޮށްލުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިސާލަކަށް ކޯރެއް އޮންނަން ޖެހޭ ތަނެއްގައި ކޯރެއް ނެތި އެއްކޮށް ފަސްއަޅާ ބަންދުކޮށްލުން ފަދަ ކަންތައް ކޮށްލުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތައް އެބަ ލިބޭ. އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ސަރުކާރާއެކުގައި މަސައްކަތް ކުރާ ފަރާތްތަކުން އަދި ރައްޔިތުން ވެސް އިސްކަންދޭން ޖެހޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ މާލެ ސިޓީގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން މި މަސައްކަތަކަށް ވަގުތީ ހައްލެއް ގެނައުމަށް ސިފައިން މަސައްކަތް ކުރަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.