03 May 2024, 08:31
ނިދާ ތަންމަތި ސާފުތާހިރުކަން މަތީ ބަހައްޓައި، ތަފާތު އެކި ޑިޒައިންތަކުގެ ބެޑްޝީޓާއި ބާލީސް އުރައިން ޒީނަތްތެރިކޮށް ބެހެއްޓުމަކީ ވަރަށް ގިނަ ބަޔަކު ސަމާލުކަންދޭ ކަމެކެވެ. ނިދާ އެނދުގެ ތަންމައްޗާ ގުޅުންހުރި ސާމާނުތައް އާ ކުރުމަކީ އާ އަހަރެއް ފެށުމާ ކައިރިކޮށް ވަރަށް ގިނަބަޔަކު ކޮށްއުޅޭ ކަމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އާއްމު އުސޫލެއްގެ ގޮތުން ގެންގުޅޭ ބާލީސް ބަދަލުކުރަންވާނީ އެ ގަންނަތާ އެކެއް ނުވަތަ ދެ އަހަރު ފަހުންނެވެ. އެކަމަކު، ބާލީހުގެ ވެސް ވަރަށް ތަފާތު ވައްތަރުތައް ހުންނައިރު މިއިން ކޮންމެ ބާވަތެއްގެ ބާލީހެއްގެ ވެސް އުމުރުގައި ތަފާތުތަކެއް ހުރެއެވެ. އޭގެ ތެރޭގައި، މެމޮރީ ފޯމް، ލެޓެކްސް، ސިންތެޓިކް އަދި ގުދުރަތީ ތަކެތިން ތައްޔާރުކުރާ ބާލީސް ހިމެނެއެވެ.
އެގޮތުން، މެމޮރީ ފޯމް، ގެލްޓެކްސް،ޕޮކެޓް ސްޕްރަންގް، ހޮލޯފައިބައިން އުފައްދާ ބާލީސްތަކުގެ އުމުރަކީ ދެ އަހަރެވެ.
މެޑިކަލް ގްރޭޑް ފޯމް،ގުދުރަތީ ތަކެތި، މިސާލަކަށް ކުކުޅުފަތް ބޭނުންކޮށްގެން އުފައްދާ ބާލީސް، ވޫލް އަދި ބެމްބޫއިން އުފައްދާފައިވާ ބާލީހުގެ އުމުރަކީ އެކެއް ނުވަތަ ދެ އަހަރެވެ. ބާލީހުގެ ތެރެއިން އެންމެ ގިނަ މުއްދަތަކަށް ބޭނުން ކުރެވޭނެ ކަމަށް ދިރާސާތަކުން ބުނެފައިވަނީ ލަޓެކްސް ބާލީހެވެ.

އެ މީހަކާ ގުޅޭ ފެންވަރު ރަނގަޅު ބާލީހެއްގައި ނިދާލުމަކީ އަރާމު ނިންޖަކަށް މަގުފަހި ކުރުވާނެ ކަމެއް -- ފޮޓޯ/ޔޫއެސްއޭޓުޑޭ
ގެންގުޅޭ ބާލީސް ބަދަލުކުރަންވީކަން ޔަޤީން ނުވާނަމަ އެކަމާ ހާސްވާނެކަމެއް ނެތެވެ. ސަބަބަކީ ތިރީގައި މި ލިޔާ ނިޝާންތައް ފެނުމަކީ ތިޔަ ގެންގުޅޭ ބާލީސް ބަދަލުކުރަން ލިބޭ އިޝާރާތެއް ކަމުގައި ދެކޭށެވެ.
- ބާލީހުގެ ސަބަބުން ބޮލާއި ކަނދުރާއަށް ލިބޭ ލުއިފަސޭހަކަން ނުލިބުން
- ހޭލެވޭއިރު ކަނދުރާއާއި ބޮލުގައި ރިހުމެއް ހުރުން
- ނިދާ ހޭލެވޭއިރު އާދަޔާ ޚިލާފަށް އެލާޖިކްގެ އަސަރު ހުރިކަން ފާހަގަކުރެވެން ފެށުން
- ބާލީސް ފްލެޓްވެ، ނުތަނަވަސްކަން އިހުސާސްވުން
- މީގެ ކުރިން ނިދާއިރު އޮންނަ ގޮތް ބަދަލުކުރަން މަޖުބޫރުވުން
- އަބަދު ވެސް ބާލީހުގައި ތަޅުވާ ބާލީސް އެއްވަރުކުރަން ޖެހުން
- ބާލީހުގެ ކުލަ ބަދަލުވާން ފެށުން
މި ކަންކަމުން ހަށިގަނޑު ސަލާމަތްކޮށް ދުޅަހެޔޮކަން މަތީ ބެހެއްޓުމަށް ގެންގުޅޭ ބާލީސް ބަދަލުކުރުމަށް އިސްކަން ދިނުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެކެވެ. މި ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ބާލީސް ގަންނަ ދުވަސް ނޯޓު ވެސް ކުރެވިދާނެއެވެ.