03 May 2024, 10:21
ތުރުކީވިލާތުން އިސްރާއީލާ އެކު ވިޔަފާރީގެ މުއަމަލާތްތައް ކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
ތުރުކީވިލާތުގެ ވިޔަފާރިއާބެހޭ ވުޒާރާއިން ބުނީ އެ ނިންމުން ނިންމީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ކަމަށެވެ. އިސްރާއީލުން އެއްވެސް ހުރަހެއް ނެތި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށް ނުދެނީސް އެ ނިންމުން އުވައިނުލާނެ ކަމަށް ވެސް ތުރުކީވިލާތުން ބުނެއެވެ.
އެކަމާ ގުޅިގެން އިސްރާއީލުން ވަނީ ތުރުކީވިލާތަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
އެގޮތުން، އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްރާއީލު ކަޓްޒް ވިދާޅުވީ އެއީ ހުދުމުހުތާރު ވެރިއަކު އުޅޭ ގޮތް ކަމަށާއި ތުރުކީވިލާތުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ މަސްލަހަތަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބް އުރުދުޣާން ފަރުވާކުޑަކޮށްފައިވާ ކަމަށެވެ.
ބްލޫމްބާގުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ތުރުކީވިލާތުން އިސްރާއީލަށް އެކްސްޕޯޓުކުރުމާއި އިމްޕޯޓުކުރުން ވެސް ވަނީ ހުއްޓުވައިފައެވެ.
މިދިޔަ އަހަރު ދެ ގައުމުން ކޮށްފައިވާ ވިޔަފާރީގެ މިންވަރު 6.8 ބިލިއަން ޑޮލަރަށް އަރައެވެ.
ތުރުކީވިލާތުން އިސްރާއީލާ އެކު ވިޔަފާރީގެ މުއަމާލާތްތައް ކުރުން ވަގުތީ ގޮތުން ހުއްޓުމަކަށް ގެނައި ނަމަވެސް، އިސްރާއީލާ އެކު ގާއިމުކޮށްފައިވާ ޑިޕްލޮމެޓިކް ގުޅުން އެ ގައުމުން މިހާތަނަށް ނިމުމަކަށް ގެނެސްފައެއް ނުވެއެވެ.