ޣައްޒާ އަލުން ބިނާކުރުމަށް 30 ބިލިއަނާއި 40 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ފައިސާ ހަރަދުވާނެ ކަމަށް އދ އިން ބުނެފިއެވެ.

އދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އަލް ދަރްދާރީ ވިދާޅުވީ، ޣައްޒާ އަލުން އާރާސްތުކުރުމަށް 30 ބިލިއަނާއި 40 ބިލިއަނާ ދެމެދުގެ އަދަދަކަށް ހަރަދުވާނެ ކަމަށް އދ. ގެ ތަރައްގީގެ ޕްރޮގްރާމުގެ ފުރަތަމަ ލަފާކުރުމުގައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް އާންމު ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދާނަމަ އެކަން ކުރަން ގަރުނެއް ވެސް ނަގާފާނެ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އެހާ ގިނަ ދުވަހު މަޑުނުކުރެވޭނެ ކަމަށެވެ.

"އެހެންކަމުން މުހިންމީ އަޅުގަނޑުމެން އަވަހަށް ފިޔަވަޅު އަޅައިގެން މީހުން އަލުން ރަނގަޅު ބޯހިޔާވަހިކަމެއްގައި ފޯރުކޮށްދީ އިގުތިސާދީ، އިޖުތިމާއީ އަދި ސިއްހީ ގޮތުން އެ މީހުންގެ ދިރިއުޅުން އާންމު ހާލަތަށް ގެނައުން. މިއީ އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ ކަން،" ދަރްދާރީ ވިދާޅުވިއެވެ.

ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 72 އިންސައްތަ އިމާރާތް ވަނީ ބިމާ ހަމަކޮށްފައި ނުވަތަ ބޮޑު ބައެއް ހަލާކުވެފައި ކަމަށް އދ. އިން ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން މިހާތަނަށް ފަލަސްތީނުގެ 30،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުންނެވެ.