03 May 2024, 15:42
މި ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ހަގީގަތް އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައިވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފައެވެ. އެގޮތުން، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅައި، ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ.
"ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ރާވައި އިންތިޒާމުވެގެން, ރަސްމީ އިދާރާތަައް މެދުވެރިކޮށް, ކަންކަމުގެ ހަގީގަތް ކަނޑައެޅިގެން އޮޅުވާލުމަށް ވަނީ މަސައްކަތްކޮށްފައެވެ. އަދި, ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ނޫސްވެރީންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް އެ އޮފީހުގެ އުސޫލުތައް ކުއްލި ގޮތަކަށް ބަދަލުކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" އެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން ބުނީ، ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް އެކުލަވައިލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެން ނަމަވެސް ވެރިކަމާ ހަވާލުވުމަށް ފަހުގައި ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށެވެ.
މީގެ އިތުރުން، މި ފަހުން ރާއްޖޭގެ ބައެއް މީޑިއާތަކަށް އިންޒާރު ދިން މައްސަލައިގައި ވެސް އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ޕާޓީން ބުނީ، ބިރުދެއްކުން އިތުރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި، އެ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އެ އިންޒާރުތަކާ އެކު ވެސް ނޫސްވެރީން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް، އެ ޕާޓީން ވަނީ ޝުކުރު އަދާކޮށްފައެވެ.
"އެމްޑީޕީން ގަބޫލުކުރަނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ތަންމިނަށް ހުޅުވިފައި އޮންނަން ވާނެ ހައްގެއް ކަމަށްވާއިރު އެގޮތަށް ކަންކަން ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލަމެވެ،" ބަޔާނުގައި ވެއެވެ.
އެމްޑީޕީން ބުނީ، އެ ޕާޓީން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރަން ފަހުރުވެރިވާ ފަަދަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރެއިން އެ ޕާޓީގެ ދެ ވެރިކަމުގައި ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެމްޑީޕީން މިފަދައިން ބުނި ނަމަވެސް މި ފަހަރުގެ ދުނިޔޭގެ ރޭންކިންގައި ރާއްޖެ ވަނީ ނޫސްވެރިކަން ކުރަން ދަތި ގައުމުތަކުގެ ގިންތިއަށް ވެއްޓިފައެވެ. ރާއްޖެ މިހާރު އޮތީ 106 ވަނައިގައެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސްއިން މި އަހަރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެ މިނިވަން ނޫސްވެރިކަމުގައި ފަހަތަށް ވެއްޓިފައިވަނީ މިދިޔަ ސަރުކާރުގައި ފާސްކޮށް، ތަސްދީޤުކުރި ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރުމުގެ ސަބަބުންނެވެ.