ކުނި ގިނަވެ، ގޮނޑުވެފައި އޮންނަތާ ގިނަ ދުވަސް ވެފައިވާ މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އިންޑަސްޓްރިއަލް ވިލެޖު ސާފުކުރަނީ މާލޭ ސިޓީ ކައުންސިލާއި، ވެމްކޯ، ހައުސިން މިނިސްޓްރީ، ލޯކަލް ގަވަމަންޓު މިނިސްޓަރީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ފުލުހުން ގުޅިގެންނެވެ.

ސިޓީ ކައުންސިލުން ބުނީ ސާފުކުރުމަށްފަހު ބައެއް ސަރަހައްދުތައް ބަންދު ކުރާނެކަމަށާއި އެއީ، މީހުން ގޮސް އެފަދަ ތަންތަނަށް ޕިކަޕު ވައްދައި ކުނިއަޅާތީ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ ރައީސް ޔާމީންގެ ސަރުކާރުގައި މާލޭގެ ހުޅަނގު ދެކުނު ފަރާތުން ކަޅުތުއްކަލާ ކޮށްޓާ ދިމާ ފަޅުތެރެއިން، ސިނާއީ ސަރަހައްދެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ނެރެއް ކެނޑުމަށް ހިއްކި ސަރަހައްދެކެވެ.

ނަމަވެސް އިންޑަސްޓްރިއަލް ވިލެޖު މިހާރު ގިނަ މީހުން ބޭނުންކުރަނީ ކުނިއަޅާ ގޮނޑެއްގެ ގޮތުގައެވެ. އަދި މިތަނުގައި ބައެއް މީހުން ކުށުގެ އަމަލުތައް ހިންގާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.