04 May 2024, 13:13
ދުސިތު ތާނީ މޯލްޑިވްސް ރިސޯޓުގައި ހަނީމޫނު ހޭދަ ކުރަމުންދިޔަ ޓޫރިސްޓު ދެމަފިރިއަކު މޫދަށް ގެނބެމުންދިޔަ ދިވެއްސެއް ސަލާމަތް ކޮށްފިއެވެ.
ބ. އަތޮޅުގެ ފުލުހުންގެ އިދާރާއިން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެ ރިސޯޓްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ވޯޓާ ވިލާއެއްގެ ޑެކުމަތިން މޫދަށް ވެއްޓިގެންނެވެ.
އެ ދިވެހި މުވައްޒަފު ގެނބެމުން ދަނިކޮށް އޭނާ ސަލާމަތް ކުރީ ޖޯޑަން ޑެނިއަލް ވެން ޑައިކް އާއި އޭނާގެ އަންހެނުން ޑެނިއެލް ޑި ބްރޫއިން ކަމަށް ފުލުހުން ބުންޏެވެ. އެއީ އެ ރިސޯޓްގައި ހަނީމޫނު ހޭދަ ކުރަމުންދިޔަ ދެ ޓޫރިސްޓުންނެވެ.

ދިވެއްސެެއްގެ ފުރާނަ ސަލާމަތް ކުރި ދެ ޓޫރިސްޓުންނާއެކު ބ. އަތޮޅުގައި މަސައްކަތް ކުރާ އިސް ފުލުހުން-- ފޮޓޯ: ބ. އަތޮޅު ޕޮލިސް
އެ ކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބ. އަތޮޅުގައި ތިބި އިސް ފުލުހުން ވަނީ އެ ރިސޯޓަށް ގޮސް އެ ދެ ޓޫރިސްޓުންނާ އިއްޔެ ބައްދަލު ކޮށްފައެވެ. ބ. އަތޮޅުގެ ޕޮލިސް ކޮމާންޑަރު އަފްރާ އާދަމް ވަނީ އެ ދެމަފިރިންނަށް ހަނދާނީ ފިލައެއް ވެސް ދީފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ވެދިން އެހީތެރިކަން ފާހަގަ ކޮށް އެ ދެމަފިރިންނަށާއި އެ މީހުން ޗުއްޓީ ހޭދަ ކުރަމުންދިޔަ ރިސޯޓުގެ މެނޭޖްމަންޓަށް ޝުކުރު އަދާ ކޮށްފައެވެ.