އެމީހުން އިޝްފާންއާ ސުވާލުކުރިނަމަވެސް، އިޝްފާން އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެނެއްކަމަކު އޭނާ ހުރީ ނިހާދު ދެކެ އިންތިހާއަށް ރުޅިއައިސްފައެވެ. އޭނާ ދިޔައީ ހިތުން ނިހާދާ ދިމާލަށް ވެސް އެތިވަރު ގޮވަމުންނެވެ. އޭގެ އިރުކޮޅެއްފަހުން އިތުރު ފުލުހަކު އެތަނަށް ވަދެފައި ޖައިލަމްގެ ކަންފަތްދޮށުގައި ކޮންމެވެސް އެއްޗެއް ބުނެލިއެވެ. އެއާއެކު ޖައިލަމްއަށް އިޝްފާންއަށް ބަލައިލެވިއްޖެއެވެ.

"ކިހިނެއްވީ؟" އެ ހުރިހާއިރު އެއްޗެއް ނުބުނެ އިން އިޝްފާން އެހެން އަހައިލީ ވީ ގޮތް އޭނާއަށް އެނގުނު ފަދައަކުންނެވެ. އޭރު އޭނާގެ މޫނުމަތިންވެސް ނުރުހުމުގެ އަސަރު ފާޅުވަމުން ދިޔައެވެ.

ޖައިލަމް އަތުން އިޝާރާތްކޮށްލުމާއެކު، އެ ވާހަކަ ބުނި ފުލުސް އޮފިސަރު އެތަނުން ނުކުތެވެ.

"ފަތުޚީގެ ދަރިފުޅުތަ؟" ޖައިލަމްގެ ސުވާލާއެކު އިޝްފާންގެ ދެބުމަ ގޮށްޖެހުނެވެ.

"އޭނަގެ ދަރިއެއް ނޫން މިއީ." އެހެން ބުނެލިއިރު އެ އަޑުގައި ނަފްރަތު ނޫން އެއްޗެއް ނެތެވެ. ހީވާކަހަލައެވެ. އޭނާ މިވަގުތު އެ ނަން ވެސް އަޑު އަހާކަށް ބޭނުމެއް ނޫނެވެ. އަމިއްލަ ނަފުސުގައި އުފެދުނު ރުޅިވެރިއަސަރުތައް، ފަރުދާކޮށްލުމަކީ އޭނާއަށް ފަސޭހަކަމަކަށް ނުވުމާއެކު، ދެ އަތުން މޭޒުމަތީގައިވެސް ޖަހައިލެވުނެވެ.

"އެކްސް ކިއުޒް މީ." ޖައިލަމް ލަހުފާންއަށް ބަލައިލާފައި ލޮލުން އިޝާރާތްކޮށްލާފައި އެތަނުން ނުކުންނަން ދާން ހިނގައިގަތެވެ.

"އޭތް! ފަތުޙީއަށް ގުޅައިގެން ނުވާނެ." ރުޅިގަނޑު ކޮންޓްރޯލްކުރުމުގެ ޤާބިލުކަން ނެތް މީހެއް ފަދައިން އިޝްފާން ހަޅޭއްލަވަން ފެށިއެވެ.

ގާތްގަނޑަކަށް ފަނަރަ މިނެޓްފަހުން، ޖައިލަމް އައިސް ވަނެވެ. އަތުގައި އޮތް ފޯނު ޖީބަށް ލަމުން އޭނާ އައިސް ގޮނޑީގައި އިށީނދެލާ އިޝްފާންއަށް ބަލައިލިއެވެ. ލަހުފާންއާ އަވަސް ނަޒަރެއް ބަދަލުކޮށްލާފައި ޖައިލަމް ވާހަކަ ދައްކަން އަނގަހުޅުވާލުމާއެކު އިޝްފާން ހިނިގަނޑެއް ޖަހާލިއިރު، ހީވަނީ މޮޔަވެފައި އިން މީހެއް ހެންނެވެ.

"ދޫކޮށްލަނީ ދޯ." ކަންތައްވާނެ ގޮތް އެނގޭ ފަދައަކުން ހިނިގަނޑު މަތަކޮށްލާފައި، އިޝްފާން އެހެން ބުނެލާފައި ހަށިގަނޑު ސީދާކޮށްލާ ޖައިލަމްއަށް ބަލައިލީ ނަފްރަތުގެ ބެލުމަކުންނެވެ.

"އިޝްފާން… އަހަރެމެން…." ޖައިލަމްއަށް އޭނާގެ ޖުމްލަ ފުރިހަމަކުރުމުގެ ފުރުސަތު ދޭންވެސް އިޝްފާން ބޭނުންނުވާފަދައެވެ. ޖައިލަމްގެ ޖުމްލަ މެދު ކަނޑާލަމުން ކުއްލިއަކަށް މޭޒުގައި ދެ އަތުން ޖެހި ޖެހީނުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.

"ކަލޭމެން ދެންމެއެއް ނޫންތަ ތިބުނީ މަ އެވެނި މިވެނި ކަމެއް ކުރީމަ ޖަލު ހުކުމް އަންނާނެޔޭ، މަ އޮންނަން ޖެހޭނީ ޖަލުގަޔޭ… އެ ފަތުޙީ ދެކެ އެހާ ޖެހިލުންވޭތަ؟ ތި އަހަރެން ދޫކޮށްލަނީ. އޭނަގެ އިޙުސާންތެރިކަމަށް ވުރެ ޖަލު ގޮޅިވެސް މަށަށް ހިތްހަމަޖެހޭ. އިނގިއްޖެތަ؟ އަޑު އިވިއްޖެތަ؟" އިޝްފާންގެ އަޑު އިންތިހާއަށް ބާރެވެ.

"މިރަށުގައި އިޝްފާން މިކަހަލަ ކުށެއްކޮށްގެން އަލަށް ހައްޔަރުކުރީމަ…." ޖައިލަމް އަނެއްކާވެސް އޭނާގެ ވާހަކަ ފުރިހަމަކުރަން މަސައްކަތްކުރި ނަމަވެސް، އިޝްފާންގެ ހަޅޭކާއެކު އޭނާ މަޑުޖެހުނެވެ. އޭނާ ބަލަން އިންދާ އިޝްފާން ދެން ޖަހައިލީ ހިނިގަނޑެކެވެ.

"އަލަށްތަ މަ މި ހައްޔަރެވުނީ. ކަލޭމެން ހަމަ އެހާ ބިރުގަންނަ މީހަކީތަ ފަތުޙީއަކީ؟ ނޫނީ ކަލޭމެންގެ މައްޗަށްވެސް އޭނާގެ ނުފޫޒު މާ ގަދައީ ދޯ." އިޝްފާންގެ އަޑުގައިވަނީ މަލާމާތާ ފުރައްސާރައިގެ އަސަރެވެ.

އިޝްފާންގެ ވާހަކަ އަޑު އަހަން އިނުމަށްފަހު ޖައިލަމް ލަހުފާންއަށް، އިޝްފާންގެ އަތުގައި އަޅުވާފައިވާ ބިޑި ނައްޓާލުމަށް އިޝާރާތްކޮށްލިއެވެ. އެއާއެކު ލަހުފާން ކިޔަމަންތެރިކަމާއެކު ގޮސް އިޝްފާންގެ އަތުގައި އަޅުވާފައި އޮތް ބިޑި ނައްޓާލިއެވެ. ދެ އަތަށް ބަލާލަމުން އިޝްފާން ގޮނޑިން ތެދުވެލިއެވެ.

"އަހަރެން ދާން ވީ ދޯ. މިތަނުގަ މަޑުކުރުމުގެ ބޭނުމެއް ނެތެއްނު. އެންމެންވެސް ތިބީ ވިކިފަ." ޖައިލަމްއަށް ނުރުހުމާއެކު ބަލައިލާފައި އިޝްފާން އެތަނުން ނުކުންނަން ހިނގައިގަތެވެ. އެ މީހުން އޭނާ ދޫކޮށްލުމުގެ އަޑީގައި ހުރި މީހަކު ފަތުޙީކަން އޭނާއަށް އެނގެއެވެ.

"އެކްސް ކިއުޒް މީ…" އެ ކޮޓަރިން ނުކުމެ އިޝްފާން ސްޓޭޝަނުން ނުކުންނަން މިސްރާބުޖެހިތަނާ އެތަނުން މީހަކު އޭނާއަށް ގޮވާލާފައި އޭނާގެ ފޯނު ދިއްކޮށްލިއެވެ. އޭގައި ހިފަމުން އިޝްފާން، ބޭރަށް ނުކުމެލިއެވެ. އޭރު އިރުގެ ހޫނުން ދުނިޔެމަތި ދޮންކުރަމުން ދިޔައެވެ. ގަޑި ބަލާލިއިރު، ހެނދުނު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ދެލޯ އުނގުޅާލުމާއެކު އާފުރިލަމުން އިޝްފާން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލާފައި، ޖަހާފައިވާ ހުޅިގަނޑު ރަނގަޅުކޮށްލިއެވެ. ހަށިގަނޑުގައި ހުރި ލޮޑުކަން ފިލުވާލުމުގެ ބޭނުމުގައި ހަށިގަނޑަށް ވާތްކޮށްލަމުން ގެއާ ދިމާލަށް ދާން އޭނާ ހިނގައިގަތެވެ. ޖީބުގައި އޮތް ފޯނު ވައިބްރޭޓްވުމާއެކު އޭނާ ފޯނު ނަގާ ބަލައިލިއެވެ. ގުޅަނީ ފަތުޙީއެވެ. ދެބުމަ ގޮށްޖަހާލުމާއެކުވެސް އިޝްފާން ފޯނަށް ޖަވާބުދެމުން ކަންފަތުގައި ޖައްސާލިއެވެ.

"ތިތަނުގައި ނެތް މީހަކުހެން އުޅޭކަށް އަހަންނަކަށް ނުބުނެވޭތަ؟ އަަހަރެންގެ އަބުރާ ޢިއްޒަތަށްވެސް ބަލައިލުމެއް ނެތީތަ؟" ފަތުޙީގެ ރުޅިވެރިއަޑު އިވުނު ނަމަވެސް، އެއަޑުން އިޝްފާންއަށް އަސަރެއް ނުކުރެއެވެ. އޭނާގެ ގާތަށް އައީ ރުޅިއެވެ. ދަތްކުނޑި ވިކާލުމަށްފަހު އެއްޗެއް ނުބުނެވޭތޯ އިޝްފާން މަސައްކަތްކުރިއެވެ. ހިމޭންކަމުގައި ހުރި ނަމަވެސް، އޭނާގެ ނަފްސުގައި ވި ހަރުކަށިކަމާއެކު، މީހާގެރ ރުޅިގަނޑުވެސް ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. ފަތުޙީއަކީ އޭނާގެ ބައްޕަ ނަމަވެސް، ފަތުޙީއާ އޭނާއާ ދެމެދު އޮންނަން ޖެހޭ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ކުޑައިރުން ފަށައިގެން މިއަދާ ހަމައަށް ވެސް އެ ގުޅުމަށް ކުރިއެރުމެއް ލިބިފައިނުވާއިރު، ދުވަހެއް ދުވަހަކަށް އެ ގުޅުން އެ ދަނީ ބަލިކަށިވެ ހީނަރުވަމުންނެވެ.

"މަ ބުނެގެންތަ ކޮޮންމެ ފަހަރަކު މަ ސަލާމަތްކުރަނީ ތި؟" އިޝްފާން ބާރަށް ބުންޏެވެ.

"ދެވަނަ ފަހަރަށް ތި ކަހަލަ އެއްވެސް ކަމެއް ތަކުރާރުވެގެން ނުވާނެ!" ފަތުޙީ އިންޒާރެއް ދީފައި ފޯނު ކަނޑާލިއެވެ. ފޯނަށް އަތުން ބާރުކޮށްލަމުން އިޝްފާން ޖީބަށް އަތް ޖަހާލިއެވެ. އޭރު ރުޅި އައިސްގެން މީހާ ތުރުތުރު އަޅައެވެ. ފަތުޙީ ހީކުރަނީ ކީކޭ ކަމަށްހެއްޔެވެ؟ އޭނާގެ ދިރިއުޅުމާ ބޭނުންހާ ގޮތަކަށް ކުޅެވިދާނެ ކަމަށްހެއްޔެވެ؟ ފަތުޙީ ހެދިހާގޮތަކަށް ހެދިގެން އޭނާ ހުންނާނެ ކަމަށް ހެއްޔެވެ؟ ޢާއިލާއާ ދަރިފުޅުގެ ހައްޤުގައި ވަކާލާތުކުރަން ނުކެރުނު މީހަކު ވަކި އޭނާއަށް ހެޔޮ އެދޭނެ ހެއްޔެވެ؟

ގެއަށް ގޮސް ސޯފާ މައްޗަށް ވެއްޓި ގަތުމާއެކު އިޝްފާން ފޯނު ނަގާ ބަލައިލިއެވެ. ސަވާއަށް އޭނާ ހައްޔަރުކުރިކަން އެނގޭބާއޭ އިޝްފާން ހިތަށް އެރިއެވެ. އެނގޭނެނަމަ މިހާރު ގުޅާނެއެވެ. ފޯނު މޭމަތީގައި ބާއްވައިލުމާއެކު އިޝްފާން އޭނާގެ މޫނުގައި ދެ އަތް ހާކާލިއެވެ. ރޭގެ ހާދިސާ އޭނާގެ ހަނދާނަށް އައުމާއެކު ޒައިނާއާ މެދު ކަންބޮޑުވިއެވެ. އެ ޚިޔާލުތަކުގައި އެތަކެއް އިރަކު އޭނާއަށް އޮވެވުނެވެ. ސިހުނީ ފޯނު ރިންގުގެ އަޑާއެކުގައެވެ ގުޅީ ސަވާއެވެ. ސަވާ ހުރީ އިޝްފާން ދެކެ ވަރަށް ހިތްހަމަނުޖެހިފައެވެ. މާގިނަ ވާހަކައެއް ސަވާ ނުދެއްކިއެވެ. އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން އަންގާލާފައި ފޯނު ބޭއްވީއެވެ.

ނިތުގައި އަތް ބާއްވާލަމުން އިޝްފާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މާޒީގެ ޚިޔާލުތައް އައިސް އޭނާއަށް ގޯނާކުރަން ފެށިއެވެ.

* * * * *

އިޝްފާންއަކީ ކުޑައިރު ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. ބައްޕަ ފަތުޙީއަކީ ސިޔާސީ ދާއިރާގައި މަސައްކަތްކުރާ މީހެކެވެ. ޢާއިލާއަަށް ވުރެ އަބަދުވެސް އިސްކަން ދެނީ ސިޔާސީ ކަންތަކަށެވެ. ދަރިންނަށް ވަގުތު ދިނުމަކީ މާ މުހިންމު ކަމެއްކަމަށް ފަތުޙީ ނުދެކެނީހެން ހީވާ ފަހަރުވެސް އާދެއެވެ. އެހެން ކުދިންގެ ބައްޕައާއެކު އެ ކުދިން ވަގުތު ހޭދަކުރާތަން ފެންނަ ކޮންމެ ފަހަރަކު އިޝްފާންގެ ދެލޯ ކަރުނުން ފުރާލައެވެ. އޭނާ ޝަކުވާ ކުރާ ކޮންމެ ފަހަރަކު މަދީހާ އޭނާ ހިތްހަމަ ޖައްސުވައިދިން ނަމަވެސް، އެ ކުޑަ ކުޑަ ހިތުގައި އެކަމާ މެދު ހިތްދަތިކަން އުފެދިފައިވެއެވެ. ސަވާ އޭނާގެ ހިތުގެ އުދާސްތައް ފާޅު ނުކުރިއެއްކަމަކު، ސަވާވެސް އެކަމާ ދެރަވާކަން އިޝްފާންއަށް އެނގެއެވެ. އެހެންނަމަވެސް، އޭނާ ހިތްހަމަ ޖައްސައިދިނުމަށްޓަކައި އަމިއްލަ ހިތުގެ އިޙްސާސްތައް ހިއްދާލަމުން ސަވާ އޭނާއަށް ނަސޭހަތް ދެއެވެ. އޭގެ ތެރެއިން ކޮންމެ ދުވަހެއް ވަކި ވަކި ހަނދާން އިޝްފާންގެ ސިކުނޑީގައި ބިންވަޅު ނެގެމުން ދިޔައެވެ.

އެއީވެސް އެފަދަ ދުވަހެކެވެ.

"ބައްޕާ…" މެންދުރުގެ ކެއުމުގެ ވަގުތުގައި އިޝްފާން ފަތުޙީއަށް ގޮވައިލިއެވެ. އޭރު އޭނާގެ އުމުރުން އެންމެ އަށް އަހަރެވެ.

"ހޫމް." ފަތުޙީ އިޝްފާންއަށް ބަލައިލިއެވެ.

"މާދަމާ ބައްޕައިންގެ ދުވަހު ސްކޫލަށް ކޮންމެ ކުއްޖަކުވެސް ދާން ޖެހެނީ ބައްޕަ ގޮވައިގެން. ކުރިންވެސް އަޅުގަނޑު ބުނީމެއްނު" އިޝްފާން ބުނެލިއެވެ.

"ބައްޕަ ވަރަށް ބިޒީ މާދަން. މީޓިންއެއް އެބައޮތް. މަދީހާ ދާންވީނު." ފަތުޙީ ބުނެލިއެވެ. މަދީހާ އިޝްފާންއަށް ބަލައިލުމާއެކު އިޝްފާން ބޮޑާހާކާލިއެވެ.

"އެކަމަކު އެހެން ހުރިހާ ކުދިންގެ ދާނީ ބައްޕަ. ކުރިން ފަހަރުވެސް ބައްޕައެއް ނުދޭ. ކްލާހުގައި އަޅުގަނޑުގެ ބައްޕަ އެކަނި ނުދަނީ. މާދަމާ އަކީ ބައްޕަމެންގެ ދުވަހޭ." އިޝްފާން ބުނެލިއެވެ.

"ބައްޕަ ބިޒީއޭ ބުނެފީމެއްނު." ފަތުޙީ ރުންކުރުގޮތަކަށް ބުނެލިއެވެ. އެއާއެކު އިޝްފާން ގާތަށް އައީ ރުޅިއެވެ.

"ފަތުޙީ. މާދަމާ ތި މީިޓިންއަށް ކޮންމެވެސް ގޮތެއް ހަދާފަ އިޝްފާންއާ އެކު ސްކޫލަށް ދާންވީނު. ދަރިންނަށްވެސް ވަތުތު ދޭން ޖެހޭނެއެއްނު." މަދީހާގެ ވާހަކައަށް ފަތުޙީ އެއްޗެއް ނުބުނި ނަމަވެސް، އޭނާ އެކަމަށް ޝައުގުވެރިކަން ނެތްކަން އެނގެއެވެ.

"ބައްޕާ… ކޮއްކޮ އެބުނީނު ބައްޕަމެންގެ ދުވަހޭ. މަންމައެއްނޫނެއްނު ދާންޖެހޭނީ... ބައްޕައެއްނު." އޭރުވެސް ސަވާއަކީ ވިސްނުންތޫނު ކުއްޖެކެވެ.

"ސަވާ!" އޭނާ ވާހަކަ ދެއްކުމުން ފަތުޙީ ހިތްހަމަ ނުޖެހުނީކަން ސަވާއަށް އެނގުމާއެކު އޭނާ އިސްޖަހާލިއެވެ.

"ފަހަރަކު މީހެއްގެ މޫނަށް ބަލައިލުމާއެކު އިޝްފާން ކާ ތަށި އަތުގެ ކޮޅަށް ހޫރާލުމާއެކު، ގޮނޑިން ތެދުވިއެވެ.

(ނުނިމޭ)