މި އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހަފުތާއަކު އެއްފަހަރު ނެޓްފްލިކްސްއިން ޕްރިމިއަކުރަން ފެށި ކޮމެޑީ ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ" ވަގުތީގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މިހާތަނަށް މުޅި އެކު 13 އެޕިސޯޑު ގެނެސްދޭން ނިންމި ސީރީޒްއިން ބެލުންތެރިންނަށް ގެނެސްދީފައިވަނީ މުޅި އެކު ހަ އެޕިސޯޑެވެ. ޝޯގެ އެއް ބައިވެރިއެއް ކަމަށްވާ ކިކޫ ޝަރުދާ ބުނެފައިވާ ގޮތުން އަދި މި ސީޒަންގެ އަށް އެޕިސޯޑު ޕްރިމިއާނުކުރެވި އޮތްއިރު ފުރަތަމަ ސީޒަންގެ ފައިނަލް އެޕިސޯޑު ޕްރިމިއާކޮށްފައިވަނީ މި މަހުގެ ފުރަތަމަ ހަފުތާ ތެރޭގައެވެ.

"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ އެންމެ ފަހު ޝޯގެ މަންޒަރެއްގައި އެކްޓަރު ސަނީ އާއި ބޮބީ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ އެންމެ މަގުބޫލު ކޮމީޑިއަން ކަމަށްވާ ކަޕިލް ޝަރުމާ ހޯސްޓުކުރާ މި ޝޯއަށް ބެލުންތެރިންގެ ފަރާތުން ލިބޭ ތަރުހީބު ކުޑަވުމާ ގުޅިގެން ނެޓްފްލިކްސްއިން މި ޝޯ ހުއްޓާލަން ނިންމާފައިވާކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ. އެހެންނަމަވެސް ކިކޫ ޝްރަދާ ބުނެފައިވަނީ ޝޯ މެދުކަނޑާލަން ނިންމާފައިވަނީ ވަގުތީ ގޮތުން ކަމަށާއި ވަރަށް އަވަހަށް މި ޝޯގެ ދެވަނަ ސީޒަނަކާ އެކު އެ މީހުން ބެލުންތެރިންނާ ބައްދަލުކުރާނެ ކަމަށެވެ.

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިންގެ ބައިވެރިވުން ފެނުނު "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ އެންމެ ފަހު އެޕިސޯޑުގެ ބައިވެރިންނަކީ މަޝްހޫރު ޑިއޯލް އާއިލާގެ ދެބެއިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލްއެވެ. މިހާތަނަށް މި ސީރީޒްގެ ޝޯތަކުން އާއްމުންނާ ބައްދަލުކުރި ފިލްމީ ތަރިންގެ ތެރޭ ރަންބީރު ކަޕޫރުގެ އާއިލާގެ މެންބަރުން، ޕަރިނީތީ ޗޯޕްޅާ، ދިލްޖީތު ދޯސާންޖު، އާމިރު ޚާން އަދި ވިކީ ކޯޝަލްގެ ދެބެއިން ހިމެނެއެވެ.