06 May 2024, 09:10
ޣައްޒާއަށް އިންސާނީ އެހީ ވަންނަ މައި ސަރައްހަދީ ރޮނގު ކަމަށްވާ، ޣައްޒާއާއި އިސްރާއީލު ގުޅޭ ކަރީމް އަބޫ ސާލިމް މަގު އިސްރާއީލުން ބަންދުކޮށްފިއެވެ.
އިސްރާއީލުން އެ މަގު ބަންދުކުރީ ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ޣައްޒާ ކައިރީގައި އޮންނަ އިސްރާއީލުގެ ދެކުނުގެ އަސްކަރީ މަރުކަޒަކަށް ރޮކެޓް ހަމަލާދީ ތިން ސިފައިން މަރާލުމާ ގުޅިގެންނެވެ.
ހަމާސްގެ ހަތިޔާރު އެޅި ގޮފި، ގަސާމް ބްރިގޭޑްސް އިން ބުނީ އެ ހަމަލާ އަމާޒުކޮށްފައިވަނީ ކަރީމް އަބޫ އެސާލިމް ސަރަހައްދީ ރޮނގާއި ސަރަހައްދު ވަށައިގެންވާ ތިބި އިސްރާއީލުގެ ސިފައިންގެ ގްރޫޕަކަށެވެ.
ހަމާސްގެ އެ ހަމަލާއާ ގުޅިގެން އިސްރާއީލުން ވަނީ ރަފަހްއަށް ހަމަލާދީފައެވެ. އެ ހަމަލާގައި ތުއްތު ކުއްޖަކު ހިމެނޭހެން ފަލަސްތީނުގެ 9 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.
ކަރީމް އަބޫ ސާލިމް ސަރަހައްދީ ރޮނގަކީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މުހިއްމު އެއް މަގެވެ.
ޣައްޒާގެ އިންސާނީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ ޕްރެޝަރު ބޮޑުވުމާ ގުޅިގެން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިދިޔަ ޑިސެމްބަރު މަހު އެ ރޮނގު ހުޅުވައިފައެވެ.
ދެ ފަރާތުން ހަމަލާ ބަދަލުކުރަމުންދާއިރު، މިސްރާއި ގަތަރު މެދުވެރިވެ، ހަނގުރާމަ ހުއްޓައިލުމާއި، އަސީރުން މިނިވަންކުރުމާގުޅޭ މަޝްވަރާތައް މިސްރުގައި އަންނަނީ ކުރަމުންނެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 34،683 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.