06 May 2024, 18:58
ޣައްޒާ (06 މޭ 2024): ޣައްޒާގައި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނު މުޖާހިދުން ދިން ހަމަލާތަކެއްގައި އިސްރާއީލު ސިފައިންގެ ތިން މީހަކު މަރުވެ 12 މީހަކު ޒަޚަމްވެއްޖެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއް ބުނާގޮތުން ޣައްޒާގެ "ކަރަމް އަބޫސާލިމް" ސަރަހައްދުގައި ތިބި އިސްރާއީލު ސިފައިންގެ ބަޔަކަށް އަމާޒުކޮށް ހަމާސުން ދިން ހަމަލާތަކެއްގައި އިސްރާއީލު ސިފައިންގެ ތިން މީހަކު މަރުވެ އިތުރު 12 މީހަކު ވަނީ ޒަޚަމްވެފައެވެ. ޒަޚަމްވެފައިވާ 12 މީހުންގެ ތެރެއިން ދެ މީހެއްގެ ހާލަތުވަނީ ފުރާނައަށް ނުރައްކާ ހިސާބުގައި ކަމަށްވެސް އެބަޔާން ބުނެއެވެ.
ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއް ބުނާގޮތުން އެޖަމާއަތުން މިހަމަލާދިނީ އިއްޔެ އިރުއޮއްސެން ގާތްވެފައި ވަނިކޮށެވެ. އެހަމަލާ ވަރަށް ކާމިޔާބެވެ. ހަމާސްއިން އަމިއްލައަށް އުފައްދާ ކުރުރާސްތާގެ މިސައިލެއްކަމަށްވާ "ރުޖޫމް" ރޮކެޓް ބޭނުންކޮށްގެން ދިން އެހަމަލާ އަމާޒުކުރީ ޣައްޒާގެ "ކަރަމް އަބޫސާލިމް" ސަރަހައްދުގައި އެއްވެތިބި ޔަހޫދީ ސިފައިންގެ ބައިގަނޑަކަށެވެ.
އެހަމަލާގައި ބޭނުންކުރި "ރުޖޫމް" މަރުކާގެ ރޮކެޓްތައް އެރީ ޔަހޫދީ ސިފައިން އެއްވެފައިތިބިތަނުގެ މެދަށްކަމަށާއި މިކަމުގެ ސަބަބުން އެތައް ބަޔަކު މަރުވެ ޒަޚަމްވެފައިވާ ކަމަށާއި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު 20އަށް ވުރެ މަތިވާނެކަމަށް ހަމާސްގެ ބަޔާން ބުނެއެވެ. ހަމާސްގެ ހަމަލާތަކުގައި 14 ރޮކެޓް ބޭނުންކުރިކަމަށް އިސްރާއީލު ބުނެއެވެ.

ޒަޚަމްކޮށްލި ޔަހޫދީ ސިފައިންގެ މީހަކު ގެންދަނީ
އިސްރާއީލުން އިއްޔެވެސް ވަނީ ޣައްޒާގެ އާންމުންނަށް ހަމަލާދީ 19 މީހަކު ޝަހީދުކޮށްލާފައެވެ. މީގެއިތުރުން ލުބްނާނުގެ ދެކުނުގެ ސަރަހައްދަކަށް ހަމަލާދީ އެއް އާއިލާއަކުން ހަތަރު މީހަކު ވެސް ވަނީ ޝަހީދުކޮށްލާފައެވެ.
ހަމާސްގެ އިސް ވެރިއެއްކަމަށްވާ މޫސާ އަބޫ މަރުޒޫގު ވަނީ އިސްރާއީލު ސިފައިން ޣައްޒާގެ ރަފްހަށް އަރައިގަތް ކަމަށް ވިޔަސް އިސްރާއީލަށް ހަމާސް ޖަމާއަތް ބަލިނުކުރެވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އިސްރާއީލުގެ އަސްކަރީ ބައެއް މަސްއޫލުވެރިންނާ ހަވާލާދީ ޔަހޫދީ ބައެއް ނޫސްތައް ބުނާގޮތުން ރަހްފަށް އެއްގަމުން އަރައިގަތުމަށް ޓަކައި އިސްރާއީލުން މިއަދު ވަނީ ރަފްހުގެ އިރުމަތީ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެތަން ދޫކޮށްދިޔުމަށް އަންގައިފައެވެ.
އިސްރާއީލުގެ މީޑިއާ ބުނާގޮތުން އިސްރާއީލު ސިފައިން މަސައްކަތްކުރަމުން ގެންދަނީ ރަފްހުގެ އިރުމަތީ ސަރަހައްދުން އެއްލައްކަ މީހުން އެހެން ސަރަހައްދުތަކަށް (ބިރު ދައްކައިގެންނާ އަދި ގަދަބާރުން) ގެންދިޔުމަށެވެ. އެއީ އެސަރަހައްދަށް އެއްގަމު މަގުން ވަދެގަތުމަށްޓަކައެވެ.
އިސްރާއީލުގެ ބައެއް ކޮމާންޑަރުން ބުނެފައިވާ ގޮތުގައި ރަފްހަށް ވަދެގަތްނަމަވެސް ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރެވޭނެކަމުގެ ޔަގީންކަމެއްވެސް އަދި ހަމާސް ބަލިކުރެވޭނެކަމުގެ ޔަގީންކަމެއްވެސް ނެތެވެ.
އިސްރާއީލުން މީގެ ފަސް މަސް ކުރިން ވަދެގަނެ ހަމާސްގެ މުޖާހިދުން ފައްސާލި ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުން ވެސް މިހާރު ގެންދަނީ އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުންނެވެ. އޭގެމާނައަކީ އެސަރަހައްދަށް އަލުން އަނބުރައި ހަމާސްގެ މުޖާހިދުން ވަދެގެންފައިވުމެވެ.
ޣައްޒާއަށް އެއްގަމު މަގުން އިސްރާއީލު ސިފައިން އަރައިގެންފައިވީ ނަމަވެސް ޣައްޒާގެ އެއްވެސް ސަރަހައްދެއްގައި ސަލާމަތުން ތިބެވޭނެ ފުރުސަތެއް އިސްރާއީލު ސިފައިންނަކަށް ނެތެވެ. މުޖާހިދުން ގެންދަނީ އެތަންތަނަށް ހަމަލާތައް ދެމުންނެވެ.