06 May 2024, 17:32
ކުށެއް ކުރުމުގެ ތުހުމަތުގައި ވިލިމާލެ ޕޮލިސް ސްޓޭޝަނަށް ދިޔަ މީހަކު ފިލި މައްސަލައިގައި އޭނާގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
ކްރިމިނަލް އިއްޔެ ކޯޓުން ކުރި ހުކުމުގައި ވަނީ މ. މެކޯނާގެ، މުޙައްމަދު ޝާހީންގެ މައްޗަށް ކޮށްފައިވަނީ ޖިނާއީ ބަންދަކުން ފިލުމުގެ ކުށުގެ ދައުވާ ކަމަށެވެ.
ދައުލަތުން އޭނާގެ މައްޗަށް އެ ދައުވާ ކުރީ ޑިސެމްބަރު 15، 2022ގެ 16:00ހާއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށް ފުލުހަށް ހާޒިރުކޮށް ބަންދުކުރުމަށް ނިންމައި، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ރިސެޕްޝަން އޭރިއާގައި ބައިންދާފައި އިންދައި އެ ދުވަހުގެ 17:00ގާއިރު އޭނާ އެ ސްޓޭޝަނުން ފިލައިގެން ދިޔަ މައްސަލައިގައެވެ.
އެ މައްސަލައިގައި ދެ ފުލުހެއްގެ ހެކި ބަހާއި އޯޑިއޯ އަދި ވީޑިއޯ ރިކޯޑިން ހުށަހަޅާފައިވެއެވެ.
ހެކިބަސް ދިން ޕޮލިސް ސާޖަންޓް އިބްރާހީމް ހަމީދު ބުނި ގޮތުގައި ޝާހީން ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ ހުއްދަނެތި ގެޔަކަށް ވަނުމުގެ ތުހުމަތުގައެވެ. އޭނާ ގެންދިޔައިރު ހަމީދު ހުރީ ކައުންޓަރު ކައިރީގައި ކަމަށާއި، ޝާހީނަށް ސްޓޭޝަނުން ދިން ފެންފުޅި ހުސްވުމުން އޭނާ ފުޅިއަށް ފެން އަޅައިދޭން އެދި ކައުންޓަރު ކައިރިއަށް ދިޔަ ކަމަށް ހަމީދު ބުންޏެވެ.
ހެކިބަހުގައިވާ ގޮތުން، އެ ފެންފުޅި ނެގިތަނާހެން ޝާހީން ދުއްވައިގަތެވެ. ނަމަވެސް އޭނާއަށް ދެވުނީ ވިލިމާލޭ ފުލުހުންގެ އެކޮމަޑޭޝަން ބްލޮކްއާ ދިމާލަށް ކަމަށާއި އެވަގުތު، އެ ބްލޮކްގައި އުޅޭ އޮފް ޑިއުޓީ ފުލުހަކަށް ޝާހީން ފެނުނު ކަމަށް ހަމީދު ބުންނެވެ. އެހެންވެ، އެ ހިސާބުން ދެ މީހުން ވެގެން އޭނާ ހުއްޓުވީ ކަމަށް ހެކިބަހުގައިވެއެވެ.
ޝާހީންގެ މައްޗަށް ކުރި ދައުވާއަށް އޭނާ އިންކާރު ކުރިއެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލާއިރު، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކޯޓުން ހުކުމްކުރީ އެ މައްސަލައިގައި ޝާހީން ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.