މިއަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނަށް ޖޫން، ޖުލައި، އޯގަސްޓް އަދި ސެޕްޓެމްބަރު މަހުގައި ވާރޭ ވެހޭނީ އާންމުކޮށް ވެހޭ މިންވަރަށް ވުރެ މަދުން ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މިދުވަސްވަރު ފިނި ހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސް އާންމު މިންވަރަށް ވުރެ މަތިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މޫސުމީ ބަދަލުތަކާއެކު، ވާރޭ ވެހޭ މިންވަރަށް ވެސް އަންނަ ބަދަލުތަކާ ހެދި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބެއެވެ.