07 May 2024, 09:40
ހަތް ފިޔަވައްސަކަށް ބަހައިލައިގެން ކުރިއަށް ގެންދާ އިންޑިއާގެ އާންމު އިންތިޚާބުގެ ތިން ވަނަ ފިޔަވަހީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
ތިން ވަނަ ފިޔަވަހީގައި ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޯކް ސަބާގެ 93 ގޮނޑިއަށް 11 ސްޓޭޓަކުން ވޯޓުދޭނެއެވެ.
އޭޕްރީލް 19 ވަނަ ދުވަހު ފެށި އިންތިޚާބުގެ ފުރަތަމަ ދެ މަރުހަލާގައި 190 ދާއިރާއެއްގައި ވޯޓުލައިފައިވެއެވެ. ވޯޓު ލައިފައިވާ މީހުންގެ ނިސްބަތް ފުރަތަމަ މަރުހަލާގައި 66.1 އިންސައްތައިގައި ހުރިއިރު ދެވަނަ މަރުހަލާގައި އެ ނިސްބަތް ވަނީ 66.7 އަށް އުފުލިފައެވެ.
ތިންވަނަ ފިޔަވަހީގައި ވޯޓުލާން ހަމަޖެހިފައިވާ ސްޓޭޓްތަކަކީ އުއްތަރު ޕްރަދޭޝް، ކަރްނާޓަކާ، މަދްޔާ ޕްރަދޭޝް، އަސާމް، ޗައްތީޝްގަރް، ބިހާރް، ވެސްޓް ބެންގާލް، މަހާރަޝްތްރާ، ގޯއާ، ގުޖްރާތް، ދަދްރާ އަދި ނާގަރް ހަވޭލީއެވެ.
މި އަހަރުގެ އާންމު އިންތިޚާބުގައި ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއަށް ޖުމްލަ 543 ގޮނޑިއަށް މަންދޫބުން އިންތިޚާބު ކުރާނެއެވެ. އާ ސަރުކާރު އެކުލަވާލާނީ އަޣުލަބިއްޔަތު ހޯދާ ޕާޓީ ނުވަތަ ކޯލިޝަނުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި އޮންނަ އިންޑިއާގެ އާންމު އިންތިޚާބުގައި ވޯޓުލުމަށް 969 މިލިއަން މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އިންތިޚާބުގެ ވޯޓުލުން އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ. ވޯޓުގެ ނަތީޖާ އިއުލާނުކުރާނީ ޖޫން ހަތަރު ވަނަ ދުވަހުއެވެ.