08 May 2024, 12:54
ޕަބްލިކް ރިލޭޝަންސް އަދި މާކެޓިން ކުންފުންޏެއް ކަމަށްވާ ދި ޓްރެވެލް ގާއިޒްއިން ނެރޭ ޓްރެވަލޫޝަން މަޖައްލާގެ ދެވަނަ އެޑިޝަން ނެރެފިއެވެ.
ޓްރެވަލޫޝަން މަޖައްލާގެ ދެވަނަ އެޑިޝަން އިފްތިތާހުކޮށްދެއްވީ އިއްޔެ ދުބާއީގައި ކުރިއަށްގެންދިޔަ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ފެއާގައި ޓްރެވަލް ގާއިޒްގެ މެނޭޖިން ޑިރެކްޓަރު ފްރާތު މުހައްމަދާއި އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް)ގެ ޗެއާޕާސަން އަދި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ގްރޫޕްގެ ވައިސް ޗެއާ ނޫރައިން ޖަނާހުއެވެ.
މި މަޖައްލާގެ މި ފަހަރު އެޑިޝަންގައި ތ. މަޑިފުށީގެ ގުދުރަތީ ރީތިކަމަށް އަލިއަޅުވާލައިފައިވާއިރު، ހުޅުލޭ އައިލެންޑް ހޮޓެލް، އަދި މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ޖެނެރަލް މެނޭޖަރު ސްޓީވް އިންގްގެ އިންޓަވިއުއެއް ހިމަނާފައިވެއެވެ.
މީގެ އިތުރުން، ޖޯއަލީ ރިސޯޓްސްއާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސައްކަތާ އެކު "ކޯރާ ކޯރާ މޯލްޑިވްސް"ގެ ހުށަހެޅުންތައް ވެސް މި މަޖައްލާއިން ދައްކައެވެ. އަދި، ގްރޭންޑް ޕާކް ކޮދިއްޕަރުގެ އާދަޔާހިލާފު ޖަޒީރާ ތަޖުރިބާއަށް ވެސް އަލިއަޅުވާލައިފައިވެއެވެ.
ޓްރެވަލޫޝަން މެގަޒިންގެ ދެވަނަ އެޑިޝަނުން ކިޔުންތެރިންނަށް ދިވެހި ހުނަވެރިކަން ފާހަގަކޮށް، ރާއްޖޭގެ ބަޔޯޑައިވާސިޓީއަށް ފުންކޮށް ދިރާސާކުރުމުގެ އިތުރުން ކިޔުންތެރިންނަށް ދިވެހި ސަގާފަތާއި ގުދުރަތީ ރީތިކަމާ ގުޅޭ ތަފުސީލުތައް ލިބޭނެ ކަމަށް ޓްރެވެލް ގާއިޒްއިން ބުނެއެވެ.
ޓްރެވެލް ގާއިޒްގެ މެނޭޖިން ޑިރެކްޓަރު ފްރާތު މުހައްމަދު ބުނީ، އަރަބި ޓްރެވަލް މާކެޓް ފަދަ ފެއާއެއްގައި ޓްރެވަލޫޝަން މެގަޒިންގެ ދެވަނަ އެޑިޝަން ދައްކާލުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި، ވިޒިޓް މޯލްޑިވްސްގެ ޗެއާޕާސަން ނޫރައިން ޖަނާހު ވަނީ ޓްރެވަލޫޝަން މެގަޒިން ފަދަ ދިވެހި މެގަޒިންތަކުން ފަތުރުވެރިކަމުގެ ސިނާއަތް އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ އެ ކަމުގެ ހިތްހަމަޖެހުން ފާޅުކޮށްފައެވެ.
ޓްރެވެލް ގާއިޒްއިން ބުނީ ދެން ނެރޭ މަޖައްލާއެއް މި ފަހަރުގެ މަޖައްލާއަށް ވުރެ ވެސް މުއްސަނދިކުރަން މަސައްކަތްކުރާނެ ކަމަށެވެ.
ޓްރެވަލޫޝަން މަޖައްލާގެ ތިންވަނަ އެޑިޝަން ނެރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުއެވެ.