09 May 2024, 12:46
ފުލުހުން ތަހުގީގުކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތުން ފައިސާ ހޯދައިފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފަށާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހޯދަން އިއުލާނުކުރީ، އުމުރުން 28 އަހަރުގެ ޙުސައިން ޖަޒްލާން، ކ. މާލެ / ދަފުތަރު ނަންބަރު 1817 އެވެ.
އެ މީހާ ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވި ނަމަވެސް އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވާން ޗިޓު ހަވާލުނުކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން މި މަހު 17 ވާ، ހުކުރު ދުވަހުގެ 15:00 ގެ ކުރިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގައި އިއުލާނުކޮށްފައެވެ.
މި ފަހަކަށް އައިސް މަކަރާއި ހީލަތް ހެދުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން، މީގެ މަހެއްހާ ދުވަސް ކުރިން ވެސް މަކަރާއި ހީލަތް ހެދި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފައިވެއެވެ.
ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި 2022 ވަނަ އަހަރު ސްކޭމްގެ 1،081 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު މިދިޔަ އަހަރު ރިކޯޑު ކުރެވިފައިވަނީ 971 މައްސަލައެވެ. ނަމަވެސް، ސްކޭމްތަކުގައި ވީ ފައިސާގެ ގެއްލުމުގެ އަދަދު 2022ވަނަ އަހަރަށް ވުރެ 2023 ގައި ވަނީ ބޮޑުވެފައެވެ.
މި އަހަރު ވެސް ބޮޑެތި އަދަދުތަކަކުން ސްކޭމްކުރި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.