10 May 2024, 10:50
އެކަނި ތިބެން ޖެހުނަސް އިސްރާއީލު ފައުޖުތަކުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ނުހުއްޓާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
ނަތަންޔާހޫ އެގޮތަށް ވިދާޅުވީ، އިސްރާއީލުން ޣައްޒާގެ ރަފަހްއަށް ހަމަލާ ދިނުމުން އެ ގައުމަށް ހަތިޔާރު ފޯރުކޮށްދިނުން އެމެރިކާއިން މަޑުޖައްސައިލުމަށް ނިންމުމާ ގުޅިގެންނެވެ.
ނަތަންޔާހޫ ވިދާޅުވީ އިސްރާއީލަކީ ބަލި ގަބޫލުކުރުމުގެ ސަގާފަތެއް ގެންގުޅޭ ގައުމެއް ނޫން ކަމަށާއި، އިސްރާއީލުގެ ރައްޔިތުންގެ ހައްގުގައި އަދި އިސްރާއީލްގެ މިނިވަން ކަމާއި ސުލްހަމަސަލަސްކަން ހިމާޔަތް ކުރަން ފަސްނުޖެހޭނެ ކަމަށާއި، އެކަމަށް ހަނގުރާމަ ވެސް ކުރާނެ ކަމަށެވެ.
އިސްރާއީލުން ރަފަހްއަށް ވައިގެ މަގުން ހަމަލާދީ، އެއްގަމުން ވެސް ހަމަލާ ދިނުމަށް އަސްކަރީ ޓޭންކުތައް ފޮނުވަމުންދާއިރު، މިދިޔަ ހޯމަ ދުވަހުގެ ފަހުން އެ ސަރަހައްދުން 80،000އަށް ވުރެ ގިނަ މީހުން ނުކުމެފައިވާ ކަމަށް އދ.އިން ބުނެއެވެ.
ޣައްޒާއަށް ފޮނުވާ އެހީގެ އުޅަނދުތައް ވަނުމަށް އިސްރާއީލުން ހުރަސް އަޅަމުންދާތީ އެ ސަރަހައްދުން ކާނާއާއި ތެޔޮ ހުސްވާކަމުގެ ކަންބޮޑުވުން ވެސް އދ.އިން ވަނީ ފާޅުކޮށްފައެވެ.
ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރިއަށް ގެންދާއިރު، ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް ހަނގުރާމަ ހުއްޓައިނުލާނެ ކަމަށް ބުނަމުންދާ ވާހަކަ ނަތަންޔާހޫ އަންނަނީ ތަކުރާރު ކުރައްވަމުންނެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާގައި ކުރިއަށް ގެންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 34،904 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.