ސިނަމާގައި ބޮޑު މަގްބޫލުކަމެއް ހޯދި "ލޯޑް އޮފް ދަ ރިންގްސް" ފްރެންޗައިޒްގެ މުޅީން އާ ފިލްމެއް 2026 ގައި ނެރެން ތައްޔާރު ވެއްޖެއެވެ.

ލޯޑް އޮފް ދަ ރިންގްސްގެ އޮރިޖިނަލް ޓްރިލޮޖީއަކީ ބޮކްސް އޮފީހުގެ އިތުރުން ކްރިޓީކުންގެ މެދުގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފްރެންޗައިޒްއެކެވެ. ދެހާހުގެ ކުރީކޮޅުގައި ނެރުނު މި ފްރެންޗައިޒް ފިލްމު ސީރީޒްގެ ވާހަކަ އަދިވެސް ގިނަ ބަޔަކު ދައްކަމުން އަންނަނީ އެއަށް އޮންނަ ސަމާލުކަމެއްގެ ބޮޑު ކަމުންނެވެ.

އޮރިޖިނަލް ފްރެންޗައިޒްއާ ގުޅޭ އާ ފިލްމުތަކެއް ނެރޭނެ ކަމަށް ޕްރޮޑަކްޝަން ކުންފުނި ވޯނާ ބްރޮސްއިން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އަލަށް ނެރޭ ފިލްމަށް ކިޔާ ނަމަކީ "ލޯޑް އޮފް ދަ ރިންގްސް: ހަންޓް ފޮ ގޯލަމް" އެވެ. މި ފިލްމުގެ އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އޮރިޖިނަލް ޕްރޮޑަކްޝަން ޓީމް މި ޕްރޮޖެކްޓުގައި މަސައްކަތް ކުރާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކެއްގައި ބޮޑު މަގުބޫލުކަމެއް ހޯދި، "ލޯޑް އޮފް ދަ ރިންގްސް" ގެ ފުރަތަމަ ޓްރިލޮޖީގެ ފިލްމުތަކަށް ވަނީ ޖުމްލަ 30 އެކަޑަމީ އެވޯޑް ނޮމިނޭޝާން ލިބި، އޭގެ ތެރެއިން 17 ޓްރޮފީ ކާމިޔާބުކޮށްފައެވެ. ހާއްސަކޮށް، 2003 ވަނަ އަހަރު އެންމެ މޮޅު ފިލްމަށް ދޭ، "ބެސްޓް ޕިކްޗާ" އެވޯޑު ހޯދި، "ލޯޑް އޮފް ދަ ރިންގްސް: ދަ ރިޓާން އޮފް ދަ ކިންގް" ފާހަގަކޮށްލެވެއެވެ.

މި ފިލްމު ފްރެންޗައިޒް ވަނީ ބޮކްސް އޮފީހުގައި 2.98 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވެސް ހޯދާފައެވެ.