ކަލަކު ވޮޑިގެން ނުވާކަމަށް ޒުވާނުން ހިތްތަކަށް ބައެއް މީހުން ވައްދަމުން ދާކަމުގެ ކަންބޮޑުވުން، މިއަދު ހުކުރު ޚުތުބާގައި ފާޅުކޮށްފިއެވެ.

ޚުތުބާގައި ބުނީ، މާތް ﷲ ލައްވާފައިވާ ފިތުރަތުން އިންސާނާ ބޭރުކުރުމަށްޓަކައި، ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ހަގީގަތާމެދު ޝައްކުތައް އުފައްދާ މީހުން ގިނަވެފައި ވާކަމަށެވެ. ނަމަވެސް އެފަރާތްތަކުގެ ވާހަކައިގައި އެއްވެސް ބުރަދަނެއް ނުވާކަން ބުއްދީގެ ހަމަތަކުން ރަނގަޅަށް ވިސްނައިފި ކޮންމެ މީހަކަށް އެނގޭނެ ކަމަށާއި ވަށައިގެންވާ ކައުނުގައި ހިނގަހިނގާ ހުންނަ އެކިއެކި ނިޒާމުތަކަށް ބަލައިލުމުން ފެންނަނީ ކަލަކު ވޮޑުގެންވާކަމުގެ ހެކިތައް ކަމަށް ޚުތުބާގައި ބުންޏެވެ.

"ފުރިހަމަ ނިޒާމެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާކަމެއް، ވަކި ގާނޫނެއްގެ ދަށުން ހިނގަހިނގާ ހުންނަކަމީ އެއްވެސް ފަރާތެއްގެ ހިންގުމަކާއި ބެލެހެއްޓުމެއްނެތި، އިއްތިފާގަކުން ހިނގާ ކަމެއް ކަމުގައި އިންސާނާގެ ބުއްދި ގަބޫލެއް ނުކުރެވޭ،" ޚުތުބާގައި ބުންޏެވެ.

ގިނަ ނިޒާމުތައް ކައުނުގައި ހިނގަހިނގާ ހުންނަ އިރު، މީގެ ގިނަ ނިޒާމުތައް އެއް ނިޒާމު އަނެއް ނިޒާމާ ގުޅި ލާމެހިވުމަކީ ވެސް ކަލަކު ވޮޑިގެންވާކަމުގެ އަލިގަދަ ހެއްކެއް ކަމަށް ޚުތުބާގައި ބުންޏެވެ.

އެގޮތުން ޖައްވުގެ ތެރޭގައި ފެން ދައުރުވާ ނިޒާމުގެ ތެރެއިން ވާރޭ ވިލާތައް އުފެދި، ވައި ދައުރުވާ ނިޒާމުގެ ތެރެއިން މި ވާރޭ ވިލާތައް އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ހަނަފަސްވެ މަރުވެފައިވާ ބިންތަކާ ހިސާބަށް ވައިގެ ޒަރީއާއިން މި ވިލާތައް ދަތުރުކޮށް، އެ ވިލާގަނޑުން ހަނަފަސް ބިމަށް ވާރޭ ވެހުމާއެކު އެ ބިމަށް ދިރުން ލިބޭ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ކަލަކު ވޮޑިގެންވާކަމުގެ އަނެއް އަލިގަދަ ހެއްކަކީ، އަހަރެމެންނާއި މި ޢާލަމް ވުޖޫދުގައި ވުންކަމަށެވެ.

"ޚަލްގު ކުރެވިފައިވާހާ އެއްޗަކަށް ޢާލަމޭ ކިޔައި ނަންދެވިފައި ވާއިރު، މި ތަކެއްޗަކީ ﷲ ވޮޑިގެންވާކަމުގެ ޢަލާމާތެވެ،" ޚުތުބާގައި ބުންޏެވެ.

ފިކުރީ ހަނގުރާމަތަކުގައި ޒުވާނުންގެ ސިކުނޑި ދޮވެ، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމަށް ޒުވާނުން ހިތްތަކަށް ބައެއް މީހުން ވައްދަމުން ދާކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން، އެމީހުން ސުވާލު ކުރަނީ ވޮޑިގެންވާކަމަށް ދައުވާކުރާ ކަލާނގެ ނުފެންނަނީ ކީއްވެގެންތޯ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ފެނުމަކީ ނުވަތަ ހިއްސުތަކުން ސީދާ ގޮތެއްގައި އިހުސާސްވުމަކީ، އީމާންވުމަށް ނުވަތަ ކަމެއް ގަބޫލުކުރުމަށް ބޭނުންވާ ޝަރުތެއް ނޫންކަން ބަޔާންކޮށް ޚުތުބާގައި ބުނީ، ބުއްދިއަކީ ހުންނަ އެއްޗެއް ކަމަށް އެންމެން ވެސް ގަބޫލު ކުރާކަމަށެވެ. ނަމަވެސް ބުއްދިއަކީ ވެސް ފެންނަ ނުވަތަ އިހުސާސްވާ އެއްޗެއް ނޫންކަމަށް ޚުތުބާގައި ބުންޏެވެ. ނުފެންނަ އަދި އަތްނުލެވޭ ކޮންމެ އެއްޗަކީ ވުޖޫދުގައި ނުވާ އެއްޗެއްކަމަށް ގަބޫލުކުރާ ގަބޫލުކުރުމަކީ ސައްހަ ގަބޫލުކުރުމެއް ނޫންކަމަށް ޚުތުބާގައި ބުންޏެވެ.