11 May 2024, 11:43
އިންޑިއާގެ އާންމު އިންތިޚާބުގައި ކެމްޕޭނު ކުރުމަށް އެގައުމުގެ އިދިކޮޅު ލީޑަރެއް ކަމަށްވާ، ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލު ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.
ކެޖްރިވާލު ކަފަލާތުގެ ދަށުން ދޫކޮށްލައިފައި ވަނީ އާންމު އިންތިޚާބު ނިމޭ ދުވަސް ކަމަށްވާ، ޖޫމް މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ.
ފައިސާއާ ގުޅުންހުރި ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާ އިދާރާ ކަމަށްވާ އެންފޯސްމަންޓް ޑިރެކްޓަރޭޓުން ކެޖްރިވަލު ހައްޔަރުކޮށްފައި ވަނީ ރިޝްވަތުގެ ތުހުމަތުތަކެއްކޮށް މާޗު 21 ވަނަ ދުވަހުއެވެ.
ކެޖްރިވާލާއި އޭނާގެ އާމް އާދުމީ ޕާޓީން ވަނީ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގުކޮށް، އެއީ ސިޔާސީ ތަހުގީގެއް ކަމަށް ތުހުމަތުކޮށްފައެވެ.
ނަމަވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީން ވަނީ ތަހުގީގީ އިދާރާތަކުން މަސައްކަތް ކުރަނީ އަމިއްލައަށް ކަމަށާއި އެ އިދާރާތަކަށް ނުފޫޒު ނުފޯރުވާ ކަމަށް ބުނެފައެވެ.
ކެޖްރިވާލް ބަންދުގައި ހުރި ދުވަސްތަކުގައި އޭނާގެ ކެމްޕޭނުގައި އެންމެ އިސްކޮށް އުޅުއްވީ އަނބިކަނބަލުން ސުނީތާއެވެ.
ކެޖްރިވާލަށް އެޅި ފިޔަވަޅަކީ ސިޔާސީ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އިދިކޮޅު ގިނަ ޕާޓީތަކެއް އެކުލެވޭ އިންޑިއާ އިއްތިހާދުން ވެސް ބުނެއެވެ. އަދި ކެޖްރިވާލް ހައްޔަރުކުރުން ބައިނަލްއަގުވާމީ މުޖުތަމައުންވެސް ވަނީ ކުށްވެރިކޮށްފައެވެ.
އިންޑިއާގެ އާންމު އިންތިޚާބަށް ވޯޓުލާން ފެށީ އޭޕްރީލް 19 ވަނަ ދުވަހުއެވެ. ޖުމްލަ 543 ގޮޑިއަށް ވޯޓުލާން ހަމަޖެހިފައިވާއިރު، ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ގޮނޑީގެ ވޯޓުލުން މިހާރު ވަނީ ނިންމައިފައެވެ.
ހަތް ފިވަޔައްސަކަށް ބަހައިލައިގެން ކުރިއަށްގެންދާ އިންތިޚާބުގައި ދެން ކުރިއަށް އޮންނާނީ ހަތަރު ވަނަ ފިޔަވަހީގެ ވޯޓުލުމެވެ. އެ ފިޔަވަހީގެ ވޯޓުލުން އޮންނާނީ ހޯމަ ދުވަހުގައެވެ.
އެ އިންތިޚާބުގެ ވޯޓު ގުނުން އޮންނާނީ ޖޫން ހަތަރެއްގައެވެ.