11 May 2024, 16:29
ދިވެހި ސަރުކާރުން އަނބުރާ އިންޑިއާއަށް ދައްކަންޖެހޭ 150 މިލިއަން ޑޮލަރުގެ ލޯނެއް އަނެއްކާވެސް ރޯލްއޯވާ ކުރަން އެދިއްޖެއެވެ.
މިއީ 2019 ވަނަ އަހަރު ބަޖެޓު ސަޕޯޓެއްގެ ގޮތުގައި ދިވެހި ސަރުކާރުން އަވައްޓެރި އިންޑިއާ އަތުން ނަގާފައި އޮތް 200 މިލިއަން ޑޮލަރުގެ ލޯނުގެ ބާކީއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މި އަހަރުގެ ޖެނުއަރީ މަހު އެ 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން އަނބުރާ އަދާ ކޮށްފައިވާ ކަމަށެވެ.
އޭނާ މި ފަހުން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ލޯނުގެ ބާކީ 150 މިލިއަން ޑޮލަރު ރޯލްއޯވާ ކުރުމަށް އެދިވަޑައިގެންފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި އެކަމުގެ ބަދަލުގައި އިންޑިއާ ސަރުކާރުން އެއްވެސް ކަމަކަށް އެދިފައި ނުވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
"އަޅުގަނޑަށް ހީވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވާހަކަފުޅުން، އިންޑިއާއިން ދިވެހި ރާއްޖޭގެ ބޭނުންތަކަށް އަބަދުވެސް ޕޮޒިޓިވްކޮށް ބައްލަވާ ވާހަކައާއި އަޅުގަނޑުމެންނަށް ބޭނުންވާ ބޮޑެތި ކަންކަމުގައި އަބަދުވެސް އެހީވެދޭނެ ކަމުގެ ޔަގީންކަން. ކުރީގައި ވެސް އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ކޮށްދީފައި ހުރި ކަމަށް ވިދާޅުވެފައި އޮތީ. އެހެންވީމަ އަޅުގަނޑުމެންނަށް އޭގައި ވަން އޮން ވަންކޮށް ފެހި ސިގްނަލް ދެއްވާފައި އޮތީ،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް
މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ދަރަނި ދެގުނަ އިތުރުކަން ފާހަގަކުރައްވައި މިނިސްޓަރު ޒަމީރު ވިދާޅުވީ، މި ވޭތުވެދިޔަ ހަމަސް ތެރޭ ދަރަނި ކުޑަކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދަރަނި ނަގާފައި އޮތް ފަރާތްތަކާއެކު، ދަރަނި އަދާކުރުމަށް ލުއި ގޮތްތައް ހޯދުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވައި، ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ ދަރަންޏަށް ލުއި ދިނުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ފޮރިން މިނިސްޓްރީން ނެރެފައިވާ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ދަރަނީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ދައުލަތުން އިންޑިއާއަށް ދައްކަން ޖެހޭ ދަރަނި 6.28 ބިލިއަން ރުފިޔާ (406 މިލިއަން ޑޮލަރު)އަށް އަރައެވެ.