11 May 2024, 17:28
ބައިކް މޯލްޑިވްސްގެ ތްރީ އައިލެންޑް ޓުއާ މިއަދު ފަށައިފިއެެވެ.
ބައިސިކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އަސްމާ ހަސަން "ސަން"އަށް ވިދާޅުވީ މި އަަހަރުގެ މި ދަތުރު އޮތް ތިން ރަށަކީ ތުލުސްދޫ، ހިންމަފުށި އަދި ހުރާ ކަމަށެވެ.
މިއަދު ހެނދުނު ފެށި މި ދަތުރުގައި 20 ކުއްޖަކު ހިމެނޭހެން 40 މީހަކު ވަނީ ބައިވެރިވެފައެެވެ.
މި ޓުއާގެ މައިގަނޑު އަމާޒެއްގެ ގޮތުގައި އަސްމާ ފާހަގަ ކުރެއްވީ ބައިސްކަލު ދުއްވާ ކުދިންނަށް އެކުގައި ވަގުތު ހޭދަކުރުމަށް ފުރުސަތު ހޯދައިދިނުމެވެ. އަދިި މުޖުތަމައު އެހެން މީހުންނާ ގުޅުން ބަދަހި ކުރުމާއި، ބައިސްކަލު ދުއްވުމުގެ ރީތި އާދަ ކުދިންގެ ގައިގައި ހަރުލެއްވުމަކީވެސް މި ޓުއާގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބައިސްކަލު ދުއްވުމަށް ކުދިން ހޭލުންތެރި ކުރުވުމަކީވެސް މި ޓުއާގެ ބޭނުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއީ ކޮންމެ އަހަރަކުވެސް ބައިކް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ ޓުއާ އެކެވެ. އެގޮތުން މި ޓުއާއަށް ކޮންމެ އަހަރަކުވެސް ކުދިންނާއި އެ އެސޯސިއޭޝަނުގެ މެންބަރުން އިންތިޒާރު ކުރާ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
މިދިޔަ އަހަރު މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ކްރޮސްރޯޑްސް އާއި ކުޑަގިރީގައެވެ.
މިއަހަރުގެ މި ޓުއާ ބޭއްވުމަށް ތުުލުސްދޫ، ހިންމަފުށި އަދި ހުރާގެ ރަށު ކައުންސިލުން އެއްބާރުލުމާއި އެހީތެރިކަން ލިބުނުކަން ފާހަގަކޮށް، ބައިކް މޯލްޑިވްސްގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީން ވެސް އެހީތެރިކަން ފޯރުކޮށްދޭތީ އެ އެސޯސިއޭޝަނުން ވަނީ އެ ކުންފުންޏަށް ވެސް ޝުކުރު އަދާ ކޮށްފައެވެ.