ކުޑަކުދިން ހެއްވާލާ އެ ކުދިންނަށް އުފާވެރިކަން ގެނުވާ ދިވެހި ކެރެކްޓަރު "ރޯބޯމޭން"އަށް ބިނާކޮށް ފިލްމެއް ތައްޔާރުކުރަން ނިންމައިފިއެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ދިމާކޮށް ރާއްޖޭގެ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ "އޯކޭއިކްޒް"އިން ވަނީ ރޯބޯމޭންގެ ފިލްމެއް އުފައްދާނެ ކަމަށް އިއުލާނު ކޮށްފައެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދަން ނިންމާފައިވާ "ރޮބޯމޭން"ގެ ޑައިރެކްޓަރުންނަކީ މުހައްމަދު މުންތަސިރު (މުންކޮ)އާއި މަޝްހޫރު ކެމެރާމަން އިބްރާހީމް ވިޝާމް (ކަނޑި)އެވެ.

ފީޗާ ފިލްމެއްގެ ގޮތުގައި ތައްޔާރުކުރާ ރޯބޯމޭން ފިލްމުގެ ކާސްޓު ހަމަޖައްސާނީ އޯޕެން ކޯލް އޮޑިޝަންތައް ބާއްވައިގެންނެވެ. އަދި، މި އޮޑިޝަންތަކަކީ މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާނެ އޮޑިޝަންތަކެއް ކަމަށް ފިލްމު އުފައްދާ ޓީމުން ވަނީ ހިއްސާކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފިލްމުގެ ޝޫޓިންގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެއެވެ. އަދި، މި އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލައި މި އަހަރުގެ ތެރޭގައި ފިލްމު އެޅުވުމަށް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ފިލްމުގެ ޕްލޮޓާ ގުޅޭގޮތުން މާ ގިނަ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި އުފެދުނު އެންޓަޓެއިނާ ރޯބޯމޭން އެންމެ ފުރަތަމަ މަސައްކަތް ފެށީ ފިހާރަތަކުގެ ވިޔަފާރި ރަނގަޅު ކުރުމަށް ޕްރޮމޯޝަން ދޭ ކެރެކްޓަރެއްގެ ގޮތުގައެވެ. އޭނާގެ މަގުބޫލުކަން އިތުރުވެ، ކުޑަކުދިންގެ ޝޯއެއް ފުރަތަމަ ފަހަރަށް ރޯބޯމޭން ދީފައިވަނީ 2015 ވަނަ އަހަރެވެ. އެއަށް ފަހު ރޯބޯމޭން ވަނީ އެކި ކަހަލަ އިވެންޓުތަކާއި ހަރަކާތްތަކުގެ ބައިވެރިވެ އާންމުން މުނިފޫހިފިލުވައިދީފައެވެ.

ރޯބޯމޭންގެ މަސައްކަތަށް މިދިޔަ އަހަރު ވަނީ 'ހުނަރުވެރި، ފަންނުވެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގެ ކާމިޔާބީގެ އެވޯޑް' ވެސް ލިބިފައެވެ.