ބޮލީވުޑްގެ މަގުބޫލު ބަތަލާ ސޮނާކްޝީ ސިންހާ ފިލްމަކަށް ސޮއިކުރާއިރު އެ ފިލްމުގައި އަޚުލާޤީ މިންގަނޑު ބަތަލާއިން ހިފަހައްޓަންޖެހޭ މިންވަރަށް ވަރަށް ބޮޑަށް ބަލާކަމަށާއި އަޚުލާޤީ ފެންވަރު ދަށް މަންޒަރުތައް ހިމެނޭ ފިލްމެއް ނަމަ ފިލްމަށް އެއްބަސްނުވާ ކަމަށް އޭނާ ބުނެފިއެވެ.

ފިލްމު އިންޑަސްޓްރީގައި ދިހަ އަހަރު ހޭދަކުރެވިފައިވާއިރު މިހާތަނަށް އެއްވެސް ފިލްމެއްގައި މާ ގައިގޯޅި މަންޒަރުތައް ހިމެނިފައިވާނަމަ އެ ފިލްމަކަށް އެއްބަސްނުވާ ކަމަށާއި އެފަދަ ކަންކަމާ ގުޅޭގޮތުން މާކުރިން ޕްރޮޑިއުސަރާ އެކު އެއްބަސްވުމަކަށް އަންނަކަމަށް ސޮނާކްޝީ ވަނީ ބުނެފައެވެ. އޭގެ ސަބަބުން މިހާތަނަށް ސޮނާކްޝީއަށް ހުށަހެޅި އެއްވެސް ފިލްމަކުން އޭނާ ވަކިކޮށްފައިނުވާ ކަމަށާއި ކެރިއަރުގައި މިހާތަނަށް ކުޅުނު ފިލްމުގެ އަދަދު 35 އަށް އަރާފައިވާއިރު އެ ހުރިހާ ފިލްމެއްގެ މަސައްކަތް ނިންމާފައިވަނީ އެ ޝަރުތާ އެކު ކަމަށް ސޮނާކްޝީ ވަނީ ބުނެފައެވެ.

ބައެއް ފަހަރު މުޖްތަމައު ބަލައިނުގަންނަ ކަހަލަ މަންޒަރުތައް ހިމެނޭ ރޯލްތައް ސޮނާކްޝީއަށް ލިބޭ ކަމަށާއި ނަމަވެސް ސޮނާކްޝީގެ ހާއްސަ ޝަރުތުތަކަށް އެއްބަސްނުވާނަމަ އެ ފިލްމު އެހެން ފިލްމީ ތަރިއަކަށް ހުށަހެޅުމުގެ ފުރުސަތު ޕްރޮޑިއުސަރަށް އަބަދު ވެސް ދޭ ކަމަށް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސޮނާކްޝީ ވަނީ ބުނެފައެވެ.

ސޮނާކްޝީ ވެބް ސީރީސް "ދަހާދު"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފިލްމު "ދަބަންގް"އިން ސަލްމާން ޚާންއާ އެކު ފިލްމީ ދާއިރާއަށް ނުކުތް ބަތަލާ މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ މަގުބޫލުކަން ލިބުނު ފިލްމުތަކުގެ ތެރޭ "ދަބަންގް2"، "ސަން އޮފް ސަރުދާރު" އަދި "ރައުޑީ ރާތޯޅް" ހިމެނެއެވެ.

ސޮނާކްޝީގެ ފުރަތަމަ ވެބް ސީރީޒް "ދަހާދު" އަދި މި މަހުގެ އެއްވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއަކުރި "ހީރާމަންޑީ" ވެބް ސީރީޒްއަކީ ސޮނާކްޝީގެ ކެރިއަރުގެ އެންމެ މަގުބޫލު ދެ ވެބް ސީރީޒްއެވެ.