ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ އިސްރާއީލުގެ އަސީރުން މިނިވަކުރުމަށް އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫގެ ސަރުކާރުން އިތުރު މަސައްކަތްތައް ކުރުމަށް ގޮވައިލައި އިސްރާއީލުގެ އެތައް ހާސް ބަޔަކު މުޒާހަރާ ކުރަން ފަށައިފިއެވެ.

އިސްރާއީލުގެ ވެރި ރަށް ތެލް އަވީވްގައި ކުރިއަށް ގެންދާ އެ މުޒާހަރާގައި ރަހީނުންގެ އާއިލާގެ މީހުން އެ މީހުންގެ ފޮޓޯ ހިފައިގެން މުޒާހަރާގައި ބައިވެރިވެފައެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ބައިވެރިންގެ ގަޔަށް ޕްރެޝަރުގައި ފެންޖަހައިފައެވެ. މުޒާހާރާގެ ތެރެއިން ތިން މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ހަމާސްގެ ހަތިޔާރު އެޅި ވިންގުން ހޮނިހިރު ދުވަހު ނެރުނު ވީޑިއޯއެއްގައި ބުނި ގޮތުގައި އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން ރަހީނުކޮށްފައިވާ އިސްރާއީލުގެ މީހަކު ވަނީ މަރުވެފައެވެ.

ސީދާ ގޮތުންނާއި ނުސީދާކޮށް ވެސް ހަނގުރާމަ ހުއްޓައިލުމަށް މަޝްވަރާތައް ކުރި ނަމަވެސް އިސްރާއީލަށާއި ހަމާސްއަށް އަދިވެސް ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް އާދެވިފައެއް ނުވެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާގައި ގާތްގަނޑަކަށް 250 މީހުން ރަހީނުކޮށްފައިވެއެވެ.

އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި އޭގެ ތެރެއިން 128 މީހަކު އަދިވެސް މީހަކު ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. އޭގެ ތެރެއިން 36 މީހުން މަރުވެފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 34،971 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.