ކެނެބިސް ޓްރެފިކްކުރުމުގެ މައްސަލައެއްގައި ތުހުމަތުވާ މީހަކު ކްރިމިނަލް ކޯޓަށް ހާޒިރުނުކުރެވިގެން އެ މީހާ ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ އަމުރާ ގުޅިގެން ހޯދަނީ ސ. ހިތަދޫ / ހަޒާރުމާގެ، މުޙައްމަދު އުބާދަތު ޙުސައިން (29އ) އެވެ.

ފުލުހުން ބުނީ އުބާދަތު ހޯދަނީ ކެނެބިސް ޓްރެފިކްކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ. އަދި، އޭނާ ބަންދުގައި ބަހައްޓައިގެން މާދަމާ 13:00އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

"މުޙައްމަދު އުބާދަތު ޙުސައިނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން،" ފުލުހުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ފުލުހުން ވަނީ މި ފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.