12 May 2024, 13:40
ރާއްޖޭގައި ގާއިމުކުރާ ޑިވެލޮޕްމަންޓު ބޭންކުގެ ޚިދުމަތް ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޑިވެލޮޕްމެންޓް ބޭންކުތަކަކީ، ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާއެކެވެ. އެގޮތުން، ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕްމަންޓް ބޭންކުތަކުން ފޯރުކޮށްދޭނެއެވެ.
މާލެ ކައިރީ އޮތް ފުނަދޫގައި ތަރައްގީކުރާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނާއި އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ތަރައްގީކުރަން ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ)އާ އެކު ސޮއިކުރަން މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ސައީދު ވިދާޅުވީ، ޑިވެލޮޕްމަންޓު ބޭންކާ އެކު ރާއްޖޭގެ މާލީ ތާރީޚު ބަދަލުކޮށްލާނެ ކަމަށެވެ.
"ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓު ޖުލައި މަސް ތެރޭގައި އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރު ވެސް ޕްރައިވެޓް އިންވެސްޓާސް މި ބޭންކުގައި އިންވެސްޓްކުރާނެ ފަރާތްތައް، އެ ބޭފުޅުންގެ ބަލައިގަތުން އެބައޮތްކަން ނުވަތަ ކޮންފިޑެންސާ އެކު އައިސް ބައިވެރިވާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް ދެމުން ދަނީ،"
ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މާލީ ސިނާއަތް ތަރައްގީކުރަން އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި އިދާރާއެއް އުފެއްދީ ޖެނުއަރީ މަހުއެވެ. އެ އިދާރާގެ ޗެއާޕާސަންއަކަށް އައްޔަންކުރައްވާފައިވަނީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.