12 May 2024, 22:48
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ވުރެ އިތުރަށް ދަތުރުތަކަށް ފައިސާ ނެގި ނުވަ ޓެކްސީ ޑްރައިވަރަކަށް ނަސޭހަތްދީފައިވާ ކަމަށް އެ މިނިސްޓްރީން މިރޭ ބުނެފިއެވެ.
ގަވާއިދާ ޚިލާފަށް ޓެކްސީ ދަތުރުތަކަށް ފައިސާ ނަގަމުންދާތީ، އާންމުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިގޮތުން، މި މައްސަލަ ބޮޑުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ޓެކްސީތަކާމެދު ފިޔަވަޅު އަޅަން ފަށާފައިވާކަން މިނިސްޓްރީން އިއުލާނުކުރީ މިދިޔަ ބުދަ ދުވަހުއެވެ.
ގަވާއިދާ ޚިލާފަށް ޓެކްސީ ކުރުމުގައި ބައިވެރިވާ ބިދޭސީންނާ މެދު ވެސް ހަރުކަށި ފިޔަވަޅުތައް މިނިސްޓްރީން ވަނީ އަޅަން ފަށާފައެވެ.
މި މައްސަލައާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ނުއަގުގައި ދަތުރުތަކަށް ފައިސާ ނަގައިގެން މިހާތަނަށް ނުވަ ޓެކްސީ ޑްރައިވަރުންނަށް ނަސޭހަތް ދީފައިވާ ކަމަށެވެ.
ވެލާނާ އެއާޕޯޓްގައި ޓެކްސީތައް ކިޔޫ ޖެހިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ބިދޭސީއަކު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ބިދޭސީ ޑްރައިވަރު އިތުރަށް މިނިސްޓްރީން ޗެކްކޮށްފައިވާކަން ފާހަގަކޮށް އޮފިޝަލް ވިދާޅުވީ އެ ޑްރައިވަރަކީ ކައިވެނި ވިސާ އޮންނަ މީހެއްކަމުން ޓެކްސީ ކުރުމުގެ ހުއްދަ އެ ޑްރައިވަރަށް އޮންނާނެ ކަމަށެވެ.
"މިނިސްޓްރީން އިތުރަށް ބެލިއިރު އޭނާގެ ކާރުގައި މިނިސްޓްރީން ކަނޑައަޅާފައި ހުންނަ މިންގަނޑުތަކަށް ކާރު ނުފެތޭކަން ފާހަގަކުރެވުނު،" އޮފިޝަލް ވިދާޅުވިއެވެ.
އެ ޑްރައިވަރުންނަށް ނަސޭހަތްދިނީ ކުށުގެ ފުރަތަމަ ފަހަރު ކަމުން ކަމަށާއި އެކަން ތަކުރާރުވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޓެކްސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ބިދޭސީންނަށް ޓެކްސީ ކުރުމަށް ލައިސަންސް ދޫކުރަނީ ދިވެހި ދައުލަތުގެ ރެޒިޑެންޓް ވިސާލިބި، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭނަމައެވެ. އެ ނޫން އިތުރު ގޮތަކަށް ބިދޭސީން ޓެކްސީ ކުރުމަކީ ގަވާއިދާ ޚިލާފު ކަމެކެވެ.
އެފަދަ ބިދޭސީންނަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަކީ ހުއްދަ ނެތް ފަރާތަކު ޓެކްސީ ކުރި ކަމަށް ނިންމައި 500 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ ހުއްދަ ނެތް ފަރާތަކު ޕްރައިވެޓް ހަޔާއެއްގައި ޚިދުމަތް ދިނުން ކަމަށް ނިންމައި 750 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.
މީގެއިތުރުން، ޓެކްސީތަކުގެ މައްސަލަ ހައްލުކުރުމަށް ފުލުހުން އެއާޕޯޓަށް ނެރެ، ޓްރާންސްޕޯޓް މިނިސްޓްރީއާއި ހޯމް މިނިސްޓްރީއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން މަސައްކަތްތައް ވަނީ ފަށައިފައެވެ.