13 May 2024, 09:09
ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރު އަދި އެކްޓަރު ރާޖްކުމާރު ރާއޯ މުހިއްމު ރޯލް ކުޅޭ ސްޕޯޓްސް ޑްރާމާ "މިސްޓަ އެންޑް މިސިޒް މާހީ"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.
މި ފިލްމު ސިނަމާތަކަށް ގެންނާނެ އިރެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބިއިރު ފިލްމުގެ ޓްރެއިލާއަށް އިންތިޒާރު ކުރި މީހުން ވެސް މަދެއް ނޫނެވެ.
މިހާތަނަށް ފިލްމާ ގުޅުންހުރި ތަފާތު ޕޯސްޓަރުތައް އެކި ފަހަރު މަތިން އާއްމުންނަށް ދައްކާލާފައި ވާއިރު މިއީ ޖާންވީ އާއި ރާޖްކުމާރު އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ. ޖާންވީ އާއި ރާޖްކުމާރު އެކީގައި 2021ވަނަ އަހަރު ކުޅުނު ފިލްމު "ރޫހީ"އަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ނުހޯދުނު ނަމަވެސް ދެ ތަރިންގެ އޮން ސްކްރީން ކެމިސްޓްރީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔައެވެ.
މި މަހުގެ 31ގައި ސިނަމާތަކަށް ގެންނަން ތާވަލުކުރެވިފައި އޮތް "މިސްޓަ އެންޑް މިސިޒް މާހީ"އަކީ ރާޖްކުމާރު ރާއޯ އާއި ޖާންވީ ކަޕޫރު ދެމަފިރިންގެ ގޮތުގައި ކްރިކެޓްގެ މައިދާނުގައި މޮޅު ކުޅުންތެރިންނަށް ވުމަށް ކުރާ މަސައްކަތް ދައްކުވައިދޭނެ ފިލްމެކެވެ.

ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ"ގެ ޓްރެއިލަގެ މަންޒަރުތަކެއް--ފޮޓޯ/ޕިންކްވިލާ
މި އަހަރުގެ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ "މިސްޓަ އެންޑް މިސިޒް މާހީ" އަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ކުންފުނިން ގެނެސްދޭ ފިލްމެކެވެ.
ދަރުމާ ކުންފުނިން ފިލްމީ ދާއިރާއަށް ތަޢާރަފްވި ބަތަލާ އަންނަނީ ކަރަންގެ ފިލްމު ކުންފުނިން އުފައްދާ އިތުރު ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. އެއީ ދާދިފަހުން އިއުލާނު ކުރި "ސަނީ ސަންސްކާރީ ކި ތުލްސީ ކުމާރީ"އެވެ.
މި ފިލްމަކީ ޖާންވީގެ ފުރަތަމަ ފިލްމު "ދަޅަކް"ގެ ޑައިރެކްޓަރު ޝަޝާންކް ހައިތު ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ"ގެ ޓްރެއިލާ ދައްކާލަމުން ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފައި ވަނީ މި ފިލްމަކީ ހަމައެކަނި ކިޔައިދޭ ވާހަކައެއް ނޫންކަމަށާއި މިއީ ދެމަފިރިއަކު ގުޅިގެން ދުށް ހުވަފެނެއް ހަގީގަތަކަށް ހެދުމަށް ކުރާ ބުރަ މަސައްކަތް ދައްކުވައިދޭނެ ވަރަށް ހިތްގައިމު ލޯބީގެ ވާހަކައެއް ކަމަށެވެ.