މީގެ ގާތްގަޑަކަށް އެއްމަސްކުރިން ހަށިގަނޑަށް އޫރެއްގެ ކިޑްނީ ލެއްވި މީހާ މަރުވެއްޖެއެވެ.

އިންސާނެއްގެ ހަށިގަނޑަށް ފުރަތަމަ ފަހަރަށް އޫރެއްގެ ކިޑްނީ ލައްވައިފައި ވަނީ އެމެރިކާގެ މެސުޗުސެޓްސް ޖެނެރަލް ހޮސްޕިޓަލް (އެމްޖީއެޗް)ގައެވެ.

އެ ކިޑްނީ ލައްވައިފައި ވަނީ އުމުރުން 62 އަހަރުގެ ރިޗާޓް ސްލޭމެންއެވެ. ނަމަވެސް އޭނާ މަރުވެފައި ވަނީ ކިޑްނީ ޓްރާންސްޕްލާންޓު ކުރުމުގެ ސަބަބުން ކަމެއް ސާފު ނުވާ ކަމަށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ރިޗާޓްއަކީ ކިޑްނީ ފެއިލް ވެގެން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޑައިލެސިސް ހަދައިފައިވާ މީހެކެވެ. އޮޕަރޭޝަން ކުރިއިރު ރިޗާޓް އޮތީ ކިޑްނީ ފެއިލްގެ އެންމެ ފަހު ސްޓޭޖްގައެވެ.

ޓައިޕް 2 ހަކުރުބައްޔާއި ހައިޕާޓެންޝަން ވެސް ތަހައްމަލުކުރަމުންދިޔަ ސްލޭމަން އަށް 2018 ވަނަ އަހަރު އިންސާނެއްގެ ކިޑްނީ ވެސް ޓްރާންސްޕްލާންޓް ކުރިއެވެ. ނަމަވެސް އޭގެ ފަސް އަހަރު ފަހުން އެ ކިޑްނީވެސް ވަނީ ފެއިލްވާން ފަށައިފައެވެ.

މެސުޗުސެޓްސް ހޮސްޕިޓަލަށް ހަވާލާދީ މީޑިއާތަކުން އޭރު ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަން ކުރުމުގެ ކުރިން އޫރުގެ ކިޑްނީގައި ހުންނަ އިންސާނުންނަށް ގެއްލުންދޭ މާއްދާ ނެގުމަށް ފަހު އިންސާނުންގެ ގައިގައި ހުންނަ ބައެއް މާއްދާތައް އެއަށް އިތުރު ކުރިއެވެ.

ކިޑްނީ ޓްރާންސްޕްލާޓް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ދިޔައީ ހަތަރު ގަޑިއިރަށް ކަމަށާއި އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ރިޗާޓްގެ ހާލު ވެސް ރަނގަޅު ކަމަށް އޭރު ރިޕޯޓުތައް ބުނެފައިވެއެވެ.

ހަށިގަނޑުގެ އެކި ގުނަވަންތައް ބަލިވެ ހަލާކުވުމުގެ ސަބަބުން ޓްރާންސްޕްލާޓް ލިސްޓުގައި ވަރަށް ގިނަ މީހުން ތިބެއެވެ. އާ ގުނަވަނެއް ނުލެބެނީސް ގިނަ ބަޔަކު މަރު ވެސްވެއެވެ.