13 May 2024, 13:04
ތެހެރާން (13 މޭ 2024) : ނިއުކްލިޔާ ހަތިޔާރު އުފެއްދުމާމެދު އީރާނުން ގެންގުޅޭ ނިއުކްލިޔާ ޑޮކްޓްރިން (ނިއުކްލިޔާ އަގީދާ) ބަދަލުކުރަން ޖެހިދާނެކަމަށް އެ ގައުމުގެ ޚާރިޖީ ގުޅުންތަކާބެހޭ ސްޓްރެޓީޖިކް ކައުންސިލްގެ ޗެއާމަން ޑރ. ކަމާލު ޚައްރާޒީ ވިދާޅުވެއްޖެއެވެ.
އީރާނުގެ މަހްރު ނޫސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ޚައްރާޒީ ވިދާޅުވީ އީރާނުގައި ނިއުކްލިޔާ ގާބިލުކަންހުރެ ނިއުކްލިޔާ ހަތިޔާރު ނުއުފައްދައި ހަމައެކަނި މަދަނީ ބޭނުންތަކަށް ނިއުކްލިޔާ ޕްރޮގްރާމު ޚާއްސަކުރުމަށް މިހާތަނަށް އީރާން ގެންގުޅެމުންދާ ނިއުކްލިޔާ ޑޮކްޓްރިން އަކީ ބަދަލުނުކުރާ ގޮތަށް އޮންނަ އެއްޗެއް ނޫން ކަމަށެވެ..
ޚައްރާޒީ ވިދާޅުވިގޮތުގައި އެއީ އީރާނުގެ ގައުމީ މަސްލަހަތާއި ގައުމީ ސަލާމަތަށް ބަލާފައި ބަދަލުކުރާ ގޮތަށް އޮންނަ އެއްޗެކެވެ. އީރާނުގެ ގައުމީ މަސްލަހަތަށް ނުރައްކާވެއްޖެ ހާލަތެއްގައި ނޫނީ އިސްރާއީލާއި އެމެރިކާފަދަ ދުޝްމަން ގައުމުތަކުން އީރާނުގެ ނިއުކްލިޔާ ރިއެކްޓަރުތަކަށާއި ލެބޯޓްރީތަކަށް ބޮންއެޅުން ނޫނީ ގެއްލުންދޭނެކަމުގެ ބިރުދައްކާނަމަ ނޫނީ އެފަދަ ރޭވުންތަކެއް އެ ގައުމުތަކުން ރާވަމުން ގެންދާކަން އެނގިއްޖެ ހާލަތެއްގައި އީރާނުން މިހާރުގެންގުޅޭ ނިއުކްލިޔާ ޑޮކްޓްރިން ބަދަލުކުރަން ޖެހިދާނެކަމަށް ޚައްރާޒީ ވިދާޅުވިއެވެ.
ޑރ. ކަމާލް ޚައްރާޒީ އަކީ 1997 ން 2005 ށް އީރާނުގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ މިހާރު ހުންނަވަނީ އީރާނުގެ ދީނީ މުރުޝިދު އާޔަތުﷲ އަލީ ޚަމަނާއިއަށް ޚާރިޖީ ކަންކަމުގައި ލަފާއަރުވާ އިދާރާކަމަށްވާ "ސްޓްރެޓީޖިކް ކައުންސިލް ފޯ ފޮރިން ރިލޭޝަންސް" ގެ ޗެއާމަންކަމުގެ މަގާމުގައެވެ.
އީރާނަކީ މެދުއިރުމަތީގައި ނިއުކްލިޔާ ފެސިލިޓީތައް (ނިއުކްލިޔާ ރިއެކްޓާރުތަކާއި ލެބޯޓްރީތަކާ އަދި ރީސާޗް މަރުކަޒުތައް) އެންމެ ގިނަ ގައުމެވެ. އަދި މެދުއިރުމައްޗާއި ގަލްފުގެ ގައުމުތަކަށް ބަލާއިރު ނިއުކްލިޔާ ސައެންޓިސްޓުންނާއި އިންޖިނޭރުންވެސް އެންމެ ގިނަ ގައުމެވެ. އަދި ނިއުކްލިޔާ ފެކަލްޓީތައްވެސް އެންމެ ގިނަ ގައުމެވެ.

އީރާނުގައި ބޫޝަހެރުގައި ހުންނަ ނިއުކްލިޔާ ރިއެކްޓަރު
އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) ބުނާގޮތުން އީރާނަކީ ބޭނުންވެއްޖެ ހާލަތެއްގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ހުރިހާ ގާބިލްކަމެއް ލިބިފައިވާ ގައުމެކެވެ. އީރާނުގެ ނިއުކްލިޔާ ގާބިލްކަމަށް ފާރަލާ އެމެރިކާވެސް ދެކޭގޮތުގައި އީރާނުގައި 90 އިންސައްތައަށް ޔޫރޭނިއަމް ފައްކާކުރުމުގެ ގާބިލްކަމާއި ނިއުކްލިޔާ ބޮން ހެދުމަށް ބޭނުންވާ މާއްދީ ވަސީލަތްތަކާއި ސައެންސްގެ ގާބިލްކަން އީރާނުގައި އެބަހުއްޓެވެ. ނިއުކްލިޔާ ރިއެކްޓަރުތަކާއި ލެބޯޓްރީތަކާއި އެތައް ސަތޭކަ އިންޖިނޭރުންނާއި ސައެންޓިސްޓުން އެބަތިއްބެވެ.
އިސްރާއީލުން ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވީނަމަވެސް އިސްރާއީލަށްވުރެ އީރާނުގެ ނިއުކްލިޔާ ވަސީލަތްތަކާއި ސައެންސްވެރިންނާއި އިންޖިނޭރުންގެ އަދަދު މާގިނައެވެ.
އީރާނުގެ ނިއުކްލިޔާ ސައިޓްތަކަށް ބޮންއަޅައި އެތަންތަން ހަލާކުކޮށްލާނެކަމުގެ އިންޒާރުތައް އެމެރިކާއާއި އިސްރާއީލުން ދެމުންގެންދާތާ ފަންސަވީހަކަށް އަހަރުވަނީ ވެފައެވެ. ނަމަވެސް ޓެރަރިސްޓް ހަމަލާތައް ދީގެން އީރާނުގެ ނިއުކްލިޔާ އިންޖިނޭރުންނާއި ސައެންސްވެރިންގެ ބައެއް މީހުން މެރުން ފިޔަވައި އިތުރުކަމެއް އީރާނުގެ ނިއުކްލިޔާ ގާބިލްކަން ހުއްޓުވުމަށް އެ ދެ ގައުމަށް ކުރެވިފައެއް ނުވެއެވެ.
އީރާނުގެ ނިއުކްލިޔާ ކަންކަމާދެކޮޅަށް އެމެރިކާއާއި ޔޫރަޕުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތީ އީރާނުން ގިނަ ނިއުކްލިޔާ މެޝިނަރީ އުފައްދަނީ އަމިއްލަ ޓެކްނޮލޮޖީގައެވެ. އީރާނަށް އަމިއްލައަށް ނުއުފެއްދޭ މެޝިނަރީ ހޯދަނީ ރަޝިއާއާއި އުތުުރު ކޮރެއާ އިންނެވެ.
އީރާނަކީ ބިމުގެ ގޮތުން ބޮޑު ގައުމަކަށްވެފައި ނިއުކްލިޔާ ފެސިލިޓީތައް ހުންނަނީ އެގައުމުގެ އެކި ސަރަހައްދުތަކުގައި ވަރަށް ދުރުދުރުގައި ކަމަށްވުމަކީ އެ ހުރިހާ ތަންތަނަށް އެއްފަހަރާ ހަމަލާދިނުމަށް އެމެރިކާއާއި އިސްރާއީލު ނުކުޅެދޭ އެންމެ ބޮޑު އެއްސަބަބެވެ. އަނެއް ސަބަބަކީ އީރާނުގެ މުހިއްމު އަދި ޙައްސާސް ނިއުކްލިޔާ ފެސިލީޓީތައް ފަރުބަދަތަކުގެ އަޑީގައި ބިނާކޮށްފައިވުމެވެ.
އަދި ހަމަލާދިނަސް އެތަންތަން ހަލާކުކޮށްލެވޭނެކަމުގެ އެއްވެސް އުންމީދެއް އެމެރިކާއާއި އިސްރާއީލަށް ނެތުމަކީ ހަމަލާދޭން ނުކުރޭ އަނެއް ސަބަބެވެ. ހަތަރުވަނަ ސަބަބަކީ އެފަދަ ހާލަތެއްގައި ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއީލުގެ ނިއުކްލިޔާ ސައިޓްތަކަށާއި ސަރަހައްދުގައިވާ އެމެރިކާގެ ބޭސްތަކަށް ވަރުގަދައަށް ހަމަލާތައް ދޭނެކަން އެ ދެ ގައުމަށް ކަށަވަރުވުމެވެ.
އީރާނު ބުނާގޮތުން އެ ގައުމު ގެންގުޅެނީ ނިއުކްލިޔާ ގާބިލްކަންހުރެ އެ ގާބިލުކަން ހަމައެކަނި މަދަނީ ބޭނުންތަކަށް ހިފުމުގެ ޑޮކްޓްރިންއެކެވެ. ނިއުކްލިޔަ ހަތިޔާރު ނުއުފެއްދުމުގެ ޑޮކްޓްރިން އެކެވެ. ނަމަވެސް އީރާނުގައި ނިއުކްލިޔާ ހަތިޔާރު އުފައްދާފައި ނެތްކަން ޔަގީންކުރެވޭނެ ގޮތެއް ނެތެވެ. އެއީ އެ ގައުމުގެ ޙައްސާސް ނިއުކްލިޔާ ތަންތަނަށް ވަނުމުގެ ފުރުސަތު އެޓަމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) އަށް ނުދޭތީއެވެ.
ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ވަރަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް ގެ އަސަރު އީރާނުގެ ނިއުކްލިޔާ ދެ ލެބޯޓްރީއަކުން އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) ގެ އިނިސްޕެކްޓަރުންނަށް މީގެ ހައެއްކަ އަހަރުކުރިން ފެނިފައިވެއެވެ. މިމައްސަލާގައި އީރާނާއި "އައި.އޭ.އީއޭ" އާ ދެމެދު ބޮޑެތި ދެބަސްވުންތަކެއް ވެސް ވަނީ އުފެދިފައެވެ.
އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެ ގައުމާއި އެމެރިކާ ހިމެނޭގޮތަށް ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ސޮއިކުރި އެއްބަސްވުމަށް އަމަލުނުކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިިކާ ނިންމުމުން އީރާނުވަނީ އެގައުމުގެ ގިނަ ނިއުކްލިޔާ ސައިޓްތަކަކަށް "އައި.އޭ.އީއޭ" ގެ އިނިސްޕެކްޓަރުން ވަނުން މަނާކޮށް އެތަންތަނުގައިވާ "އައި.އޭ.އީ.އޭ" ގެ ކެމެރާތައް ނަގާފައެވެ.