ޑައިވާސް ލޮޖް މޯލްޑިވްސްއަށް ވަދެ ވައްކަންކުރި 25 އަހަރުގެ މީހަކު އަށް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލީ މ. ހިއްސާ، އާޒިފު އަބްދުއްޙަލީމްގެ މައްޗަށެވެ.

މި ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލު ބުނެފައިވަނީ ޑައިވާސް ލޮޖްއަށް މޯލްޑިވްސްއަށް އާޒިފު ވަދެފައިވަނީ 25 ޑިސެންބަރު 2023ވަނަ ދުވަހުގެ ރޭގނޑުގެ ވަގުތެއްގައި އެ ތަނުގެ ދޮރުގެ ތަޅާ ދިމާލުން ކަށިގަނޑެއް ލައްވައިގެން މަތާލައި، ދޮރު ހަލާކުކޮށްލުމަށް ފަހު ކަމަށެވެ.

ވަގަށް ނެގި ސާމާނު

  • ދެ ޑައިވިން ކޮމްޕިއުޓަރު

  • ހަތަރު ބީސީޑީ (ޑައިވިން ޖެކެޓް)
  • ހަތަރު ރެގިއުލޭޓަރު
  • ޑައިވިން އަންގި ޖޯޑެއް
  • ނޫ ކުލައިގެ ހުސް ދަބަހެއް
  • ޗާޖަރެއް
  • ކުޑަ ދަނގަޑު ފޮއްޓެއް
  • 20 ޑައިވިން ލައިޓް
  • ސުންޓޯ ބްރޭންޑުގެ ހަތަރު ޑައިވިން ކޮމްޕިއުޓަރު
  • ޓީޖީ-4 ބްރޭންޑުގެ ޑިޖިޓަލް ކެމެރާއެއް
  • ނޫ ކުލައިގެ ފިންސް ދަބަހެއް
  • POCO X3 NFC ބްރޭންޑުގެ ސްމާޓު ފޯނެއް

ކްރިމިނަލް ކޯޓުން ބުނެފައިވަނީ މި މައްސަލައިގައި އާޒިފު ވައްކަމުގެ ކުށުގެ ދައުވާއަށް އިޢުތިރާފުވެފައިވާ ކަމަށެވެ. އެ ގޮތުން ދައުވާގައި ބުނެފައިވާ ކުށް ކުރި ކަމަށާ، އެ ކުށް ކޮށްފައިވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި، ބިރު ދެއްކުމަކާ ނުލައި، އަމިއްލަ އިޚުތިޔާރުގައި ކަމަށް އޭނާ އެއްބަސްވެފައިވެއެެވެ.

އަދި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގެ އިތުރުން، އަވަސްނިޔާގެ ޝަރީއަތުގައި ވެސް އޭނާވަނީ ދައުވާއަށް އިޢުތިރާފުވެފައެވެ.

މި މައްސަލައިގައި އާޒިފާއި ޕްރޮސެކިއުޓާ ޖެނެރަލާއި ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް 29 ފެބްރުއަރީ 2024ގައި ހެދިއިރު، އެ އެއްބަސްވުމުގައި ކަނޑައެޅޭނެ އަދަބެއްގެ ގޮތުގައި އޮތީ އެއް އަހަރާ 13 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކޯޓުގައި އާޒިފުގެ ފަރާތުން ވީހާ ވެސް ލުއި އަދަބެއް ކަނޑައަޅައިދޭން އެދުނުއިރު، އިޢުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާތީ އޭނާ ބަންދުގައި ހޭދަކުރި މުއްދަތު، ކަނޑައެޅޭ އަދަބުން އުނިކޮށްދިނުމަށް ދައުލަތުންވަނީ އެދިފައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތުން ހުކުމްކުރަންދެން ދައުވާ ލިބޭ މީހާ ބަންދުގައި ހުންނަ ހާލަތުގައި ދައުވާ ލިބޭ މީހާގެ ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ބަންދުކުރުން ކަމުގައިވާނަމަ، ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރެވެއެވެ.

އެ ގޮތުން މި މައްސަލައިގެ ޝަރީއަތް ނިމެންދެން ހަތަރު މަހާއި އަށް މަސް ވަންދެން އާޒިފު ބަންދުގައި ހުރެފައިވާތީ، ބަންދުން އެ މުއްދަތު އުނިކުރުމަށް ފަހު، އޭނާގެ މައްޗަށް އިއްވީ އަށް މަހާއި ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ.

ވައްކަމަކީ ރާއްޖޭގައި އެންމެ އާންމުކޮށް ކުރަމުންދާ އެއް ބާވަތުގެ ކުށެވެ.

އެ ގޮތުން ފުލުހުން އާންމުކޮށްފައިވާ 2023ވަނަ އަހަރުގެ ފަހު ތިންމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވައްކަމުގެ 3024 މައްސަލަ ފުލުހުންނަށްވަނީ ރިޕޯޓް ކޮށްފައެވެ.