ޕްރައިވެޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް ކަމަށް ހެންވޭރު ރަންގަލި 4، ހަމްދީ އަގީލް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހަމްދީގެ އިތުރުން ޕީސީބީގެ ފަސް ބޯޑު މެންބަރުން އައްޔަނުކުރަން ވެސް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ރުހުން ދީފައެވެ.

ގާނޫނުގައިވާ ގޮތުން ޕީސީބީގެ ބޯޑުގެ ކޯރަމަކީ ފަސް މެންބަރުންނެވެ.

ޕީސީބީގެ ބޯޑަށް އައްޔަނުކުރި މެންބަރުންނާ އެ މެންބަރުންނަށް ލިބުނު ވޯޓު:

  • ޕީސީބީ ބޯޑުގެ ރައީސްކަމަށް ހަމްދީ އަގީލް / 47 ވޯޓު

  • ޕީސީބީ ބޯޑުގެ މެންބަރުކަމަށް މުހައްމަދު އާޒާދު / 47 ވޯޓު
  • ޕީސީބީ ބޯޑުގެ މެންބަރުކަމަށް ލީނާ އަބްދުލް ޖަލީލު / 48 ވޯޓު
  • ޕީސީބީ ބޯޑުގެ މެންބަރުކަމަށް މޫސާ ފަތުހީ އާދަމް / 46 ވޯޓު
  • ޕީސީބީ ބޯޑުގެ މެންބަރުކަމަށް އަހުމަދު ނަޝާތު / 46 ވޯޓު
  • ޕީސީބީ ބޯޑުގެ މެންބަރުކަމަށް ހަސަން ޒަރީރު / 47 ވޯޓު

މި މެންބަރުންނަށް ވޯޓު ދިނުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

ޕީސީބީގެ ރައީސްކަމަށް އައްޔަނުކުރި ހަމްދީއަކީ މީގެ ކުރިން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ހަމްދީ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަސިޓީ އިން މާސްޓާ އޮފް ކޮމާސް ހާސިލު ކުރައްވައިފައެވެ.

ޕީސީބީއަކީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން ހަމަޖައްސާ އިދާރާއެވެ.