13 May 2024, 15:28
އެތައް ދުވަހެއް ވަންދެން ފާސްނުވެ އޮތުމަށް ފަހު ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން މި ބިލު މަޖިލީހަށް ހުށަހެޅީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހު ތެރެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަކީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ޤާނޫނު އަސާސީގެ ދަށުން ހަދަންޖެހިފައިވާ ޤާނޫނެކެވެ. ނަމަވެސް މަޖިލީހަށް މި ބިލު ހުށަހެޅި އެތައް އަހަރެއްވީއިރު ވެސް އޮތީ ފާސްނުވެއެވެ.
މި އަހަރު ކުރީކޮޅު ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ފާސްކުރުން އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ ގޮވާލައްވައިފައެވެ.
މިއަދު ބޭއްވި 19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި މި ބިލު ފާސްކުރީ 47 މެމްބަރުންގެ ވޯޓާއެކުއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 33 ވަނަ ޖަލްސާގެ ތެރެއިން މެންބަރު ހާރޫން-- ފޮޓޯ، މަޖިލިސް
އެ ބިލަކީ ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ކަނޑައެޅުމުގެ އުސޫލުތައް ހިމެނޭ ބިލެކެވެ.
މި ބިލު ހުށަހަޅުއްވާ މީގެ ކުރިން މެންބަރު ހާރޫން ވިދާޅުވީ، ޤާނޫނު އަސާސީން ލާޒިމްކޮށްފައިވާ ޤާނޫނެއް ނަހަދައި، ޚާއްސަކޮށް ރައްޔިތުންގެ ދިރިހުރުމަށް އެންމެބޮޑަށް ބޭނުންވާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ގޮތަށް އޮތް އޮތުމަކީ އެކި ސަރުކާރުން ވެފައިވާ ވަރަށް ބޮޑު އިހުމާލެއްކަމަށެވެ.
މި ގާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކޮށް ގަނެ ވިއްކުން މަނާވާނެ ބައެއް ތަކެތީގެ ތެރޭގައި ސިއްޙަތައް ގެއްލުން ލިބޭ ކާބޯތަކެއްޗާއި، އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެއްޗާއި، ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކާބޯތަކެތި ހިމެނެއެވެ.
މި ބިލުގައި ބުނެފައިވަނީ ގާނޫނަކަށް ވުމަށްފަހު، އެއާ ޚިލާފަށް އަމަލުކުރާ މީހެއްގެ އަދަބަކީ އެ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލާ، 10،000 ރުފިޔާއާ 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުންކަމަށެވެ.