13 May 2024, 17:37
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ކިޔަވާ ދަރިވަރުން ބަހުގައި ދަތުރުކުރާއިރު، އެ ދަރިވަރަކު ހުރި ހިސާބެއް ބެލެނިވެރިންނަށް ޓްރެކް ކުރެވޭ ގޮތަށް ބަހުގެ ޚިދުމަތް ފަށަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިއަދު އެއްބަސްވުމެއް ހަދައިފިއެވެ.
ވިލާ ހައި ސްކޫލުން އެ އެއްބަސްވުން ހެދީ އަމޫ ޕްލަސް ކޮންސްޓްރަކްޝަންއާއެކުއެވެ.
މި އެއްބަސްވުމުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހުމަދެވެ. އަދި އަމޫ ޕްލަސް ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މުހައްމަދު އަފްރާހް އަބްދުލް ސައްތާރެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެ ސުކޫލުގެ ޕްރިންސިޕަލް ސައީދު ވިދާޅުވީ އެ ސްކޫލުގެ ދަރިވަރުން މާލޭގައާއި ހުޅުމާލޭގެ އިތުރުން ވިިލިނގިލީގައިވެސް އުޅޭ ކަމަށެވެ.
ފަަހުން ބެލި ބެލުމުން ހުޅުމާލެއިން އެކަނި ވެސް ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ވިލާ ހައި ސްކޫލުގައި ކިޔަވަމުންދާކަން އެނގުނު ކަމަށާއި އެ ކުދިންނަށް ސްކޫލަށް އައުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިފަށާ ބަހުގެ ޚިދުމަތުގައި، ބަހަށް އެރުމުން ބެލެނިވެރިންނަށް އޮޓަމެޓިކް މެސެޖެއް ދާނެ ކަމަށާއި ބަހުގައި އިންނަ އިރު އެ ކުއްޖާ ހުރި ހިސާބެއް ބަލައިލެވޭނެ ކަމަށެވެ. އެގޮތުން ބަސްތަކުގައި ހުންނާނީ ޖީޕީއެސް އާއި ޑެސްކްކެމް ވެސް ހަރުކުރެވި ޓްރެކް ކުރެވޭ ގޮތަށެވެ.

ބަހުގެ ޚިދުމަތް ފަށަން ވިލާ ހައި ސްކޫލައި އަމޫ ކޮންސްޓްރަކްޝަނުން ފަހުމުނާމާގައި ސޮއި ކުރައްވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ
"އެހެންވީމަ ގެޔަށް ފޯރުން ލަސްވީމަ ވެސް ބެލެނިވެރިންނަށް ބައްލަވައިލެއްވޭނެ ވީގޮތެއްވެސް. އެހެންވީމަ އެއީ ވަރަށް ޚާއްސަ ޚިދުމަތަކަށްވާނެ، ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެ. އަދި ބެލެނިވެރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނެ،" އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިގޮތަށް ބަހުގައި ދަތުރުކުރުމަކީ ދަރިވަރުންނަށް ލިބޭ ރައްކާތެރިކަމެއް ކަމަށާއި އަންނަ މަހު މި ޚިދުމަތް ދޭން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަލަށް ތައާރަފު ކުރާ މި ޚިދުމަތަކީ މިހާރު ކުދިން ތަހައްމަލު ކުރަމުންދާ ބުރައަށް ކޮންމެވެސް ވަރެއްގެ ލުއި ކަމެއް ފޯރު ކޮށްދިނުމަށް ތައާރަފު ކުރާ ޚިދުމަތެއް ކަމަށެވެ.