މާލޭގައި ސިފައިންގެ އާއިލާތައް ދިރިއުޅެމުން އަންނަ ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި ބަލައި ފާސްކުރިއިރު މަރުވެފައި އޮތް 30 އަހަރުގެ ދިވެހި ފިރިހެނަކު ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައި އޮތް މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެ އެޕާޓްމެންޓަކީ މިވަގުތު ބޭނުންކުރަމުންދާ ތަނެއް ނޫންކަން ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.