މިހިނގާ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި، ޖުމްލަ މަސައްކަތުގެ 92.95 ޕަސަންޓު ހާސިލް ކުރެވުނު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މަޖިލީހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މަސައްކަތުގެ އަދަދު މުޅި ޖުމްލަ 1291އަށް އަރާ އިރު، އޭގެ ތެރެއިން 1200 މަަސައްކަތް ވަނީ ނިމިފައެވެ.

މި ދައުރުގައި މަޖިލީހުގެ 513 ޖަލްސާ ވަނީ ބާއްވައިފައެވެ. މި ޖަލްސާތަކުގައި 1461 ގަޑިއިރު ހޭދަކޮށްފައި ވާއިރު، ކުރިއަށް ގެންގޮސްފައިވާ ކޮމިޓީ ބައްދަލުވުންތަކުގެ އަދަދަކީ 3784 އެވެ.

މި ދައުރުގައި 210 ބިލު ހުށަހަޅާފައި ވާއިރު، ފާސްކޮށްފައިވާ ބިލުތަކުގެ އަދަދަކީ 178އެވެ. އަދި 92 ގަރާރެއް ހުށަހަޅާފައި ވާއިރު އޭގެތެރެއިން ނިމުނު ގަރާރުތަކުގެ އަދަދަކީ 73އެވެ.

ސަރުކާރުން ހުށަހެޅި 152 މައްސަލައަކާއި، ރިޔާސަތުން ހުށަހެޅި 104 މައްސަލައެއްގެ އިތުރުން މެންބަރުން ހުށަހެޅި 48 މައްސަލައެއް ބަލައި އެ މަސައްކަތް ވެސް 19ވަނަ މަޖިލީހުން ކޮށްފައި ވެއެވެ.

މީގެ އިތުރުން، އެހެނިހެން މައްސަލަތަކާ ގުޅޭ 153 ރިޕޯޓެއް ހުށަހަޅާފައި ވާއިރު، 384 ސުވާލަކާއި 108 ކުއްލި މައްސަލަ ވެސް މި ދައުރުގައި ބަލައި ނިންމާފައި ވެއެވެ. މުޅި 19ވަނަ މަޖިލީހުގައި ވެސް ހުށަހަޅާފައި ވަނީ އެންމެ އިމްތިޔާޒުގެ މައްސަލައެކެވެ. ނަމަވެސް، މި މައްސަލަ ނިމިފައެއް ނުވެއެވެ.

ބުދަ ދުވަހު ނިމޭ މި ދައުރުގެ އެންމެ ފަހު ޖަލްސާ މިއަދު ވަނީ ބާއްވައިފައެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އުފެދުނީއްސުރެ މިއަދާ ހަމައަށް މި ވޭތުވެ ދިޔަ 92 އަހަރުތެރޭ އެންމެ ގިނަ މަސައްކަތްތައް ކުރެވުނީ ނިމިގެން މިދާ 19 ވަނަ މަޖިލީހުގައި ކަމަށެވެ.

އެކަމަށްޓަކައި އަސްލަމް ވަނީ މަޖިލިސް އިދާރާގެ މުވައްޒަފުންނާއި، މެންބަރުންނާއި، ކޮމިޓީތަކުގެ މުގައްރިރުންނަށް އެ ފަރާތްތަކުން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައެވެ.