13 May 2024, 22:48
މެދު ރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ގއ. އަތޮޅަށް މިރޭ 21:15 އިން 01:30ގެ ނިޔަލަށެވެ.
އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެވެއެވެ.
ހުޅުނގު މޫސުމުގެ ވިއްސާރަ ކުރަމުން އަންނައިރު، މިއީ ސުކޫލު ބަންދަށް ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރެކެވެ. އެހެންކަމުން، މި ދުވަސްވަރު ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ ކުރިން ވެސް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ މިއަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައެވެ.
މޫސުމީ ބަދަލުތަކާއެކު، ވާރޭ ވެހޭ މިންވަރަށް ވެސް އަންނަ ބަދަލުތަކާ ހެދި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބެއެވެ.