މާލޭގައި ސިފައިންގެ އާއިލާތައް ދިރިއުޅެމުން އަންނަ ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮއްވައި މިރޭ ފެނުނު މީހާގެ އޮޓޮޕްސީއެއް ހަދަން ނިންމައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ އެ މީހާގެ މަރުގެ ތަހުގީގު ކުރުމަށް، އޮޓޮޕްސީއެއް ހަދަން ނިންމައިފައިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ބަނޑޭރިކޮށީގެ އެޕާޓްމެންޓެއް މިރޭ ފުލުހުން ބަލައި ފާސްކުރީ ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެ އެޕާޓްމެންޓުން މަރުވެފައި އޮއްވައި ފެނުނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަރުވެފައި އޮތް މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެ އެޕާޓްމެންޓަކީ މިވަގުތު ބޭނުންކުރަމުންދާ ތަނެއް ނޫންކަން ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.