14 May 2024, 07:30
އާރިޒް ގަހަނާތައް އެނދުމަތީގައި ބެހެއްޓިއެވެ. ކަރުދާސްގަނޑު ހުޅުވައިލިއެވެ. ގިނަދުވަސްވުމުގެ ސަބަބުން ކަރުދާސްގަނޑުގެ ކުލަ ވަނީ ބަދަލުވެފައެވެ. އެއީ އީސައަށް އޭނާގެ މަންމަ ލިޔެފައިވާ ސިޓީއެކެވެ. ސިޓީގެ ފުރަތަމަ އިބާރާތް ކިޔާލުމާއި އެކުވެސް އާރިޒްގެ ހިތް ފޮތިފޮތިވިއެވެ. މަންމަގެ ހިތްދަތި ދިރިއުޅުން އެންމެ ޖުމުލައަކުން އޭނާއަށް އެނގި ހާމަވިއެވެ. ސިޓީ ކިޔަމުންދިޔަ ވަރަކަށް އާރިޒްގެ ދެލޮލުން ކަރުނަ އޮހެމުން ދިޔައެވެ.
**********
ނައީމު ބުނީ ތެދެކެވެ. އޭނާގެ މަންމަ ދިރިއުޅުނީ އުފާވެރި ދިރިއުޅުމެއް ނޫނެވެ. އެކަނިވެރިކަމުން ފުރިގެންވީ ދިރިއުޅުމުގައި އުފަލެއް ހޯދުމަށް އެ މަންމަ ކުރި މަސައްކަތާއި، އެޅުނު ކަތި ފިޔަވަޅުގެ ވާހަކަ ސިޓީގައި ބަޔާންކޮށްފައި އޮތެވެ. އެކަމަށް މައާފަށް އެދި ލިޔެފައިވާ ފުން އިބާރާތްތަކުން ހިތް ކަތިލާވަރުވެއެވެ. އާރިޒަށްޓަކައި އީސައާއިއެކު ދިރިއުޅުން އައު ބާބަކުން ފަށަން ބޭނުންވާކަން ބުނެފައި އޮތުމުން، އަމިއްލައަށް ފުރާނައަށް ގެއްލުންދީފާނެކަމަށް ގަބޫލުކުރަން ދައްޗެވެ.
ކޮންމެވެސް މީހަކު ކޮޓަރި ދޮރުގައި ޓަކި ޖަހާލާފައި، ދޮރު ހުޅުވައިލިއެވެ. އާރިޒް ނުސިހެއެވެ. ދޮރު ހުޅުވާނީ އީސަކަން އެނގުނު ނަމަވެސް މެއެވެ. ސިޓީ ފަތްޖަހާލުމަށްފަހު ދޮރުމަތީގައި ހުރި މީހަކަށް އާރިޒް ބަލައިލިއެވެ. އާރިޒަށް ހީވީ ރަނގަޅަށެވެ. ދޮރުމަތީގައި ހުރީ އީސައެވެ. އެއީ އެވަގުތު އެތަނުގައި ހުންނަން އޭނާ އެންމެ ބޭނުންނުވި ފަރާތެވެ.
އީސަ އެއްޗެއް ބުނަން އަނގަ ހުޅުވައިލިއެވެ. އެހެންނަމަވެސް އާރިޒްގެ ކައިރީގައި އޮތް ކޮތަޅު ފެނުމުން، ވަގުތުން މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެއްފަހަރު އެނދުމަތީގައި ހުރި ގަހަނާތަކަށް އަނެއްފަހަރު އާރިޒްގެ އަތުގައި އޮތް ސިޓީއަށް އޭނާ ބަލައިލިއެވެ. އާރިޒްގެ މޫނަށް ނަޒަރު ހުއްޓާލިއިރު، އީސަގެ ދެލޮލުން ފެންނަމުން ދިޔައީ ނުރައްކާތެރި ވިދުވަރެކެވެ. ހިތްހަމަނުޖެހުމުގެ އަސަރުތައް މޫނުން ފެންނަން ހުއްޓެވެ.
"ތީ ކޮންކަމެއް؟..." އީސަ ނުރުހިފައި ސުވާލުކުރިއެވެ. އޭރު އޭނާ ހުރީ ކޮޓަރިއަށް ވަދެއެވެ.
އީސަ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އާރިޒްގެ އަތުގައި އޮތް ސިޓީ ޖަހައިގަތެވެ. ސިޓީ ހުޅުވައިގެން ބެލުމަށްފަހު، ކަމެއް ޔަގީންކުރިއެވެ.
"ތި ސުވާލު ކުރަންޖެހޭނީ އަހަންނެއް ނޫންތަ؟..." އާރިޒްގެ އަޑުގައި އަދަބުވެރިކަމެއް ނެތެވެ. "ކީއްވެ މި އެއްޗެހި ބައްޕަ އަތުގަ ހުރީ؟..."
އާރިޒްގެ ވާހަކަ އަޑު އިވުނުކަމަށްވެސް ނުހަދާ އީސަ ފެށީ ގަހަނާތައް ކޮތަޅަށް އަޅާށެވެ. އެސުވާލަށް ޖަވާބުދިނުން އޭނާއަށް މުހިއްމެއް ނޫނެވެ. އަނެއްކޮޅުން އާރިޒަށް ހަގީގަތް އެނގުމުން، އީސަ ހުރީ ހާސްވެފައެވެ. ދައްކާނެ ބަހަނާއަކާމެދު ވިސްނަން އޭނާއަށް ވަގުތު ބޭނުންވެއެވެ. އާރިޒް ދެވަނަ ފަހަރަށް ސުވާލު ތަކުރާރު ކުރުމުންވެސް އީސަ ޖަވާބެއް ނުދިނެވެ. އާރިޒް ހިފަހައްޓައިގެން ހުރި ރުޅިގަނޑު ފަޅައިގެން ދިޔައެވެ. މަންޒަރު ބަލާކަށް ނުހުރެވުނެވެ. އީސަގެ އަތުން ކޮތަޅު އަތުލަން އުޅުނެވެ. އީސަ މާ ހުށިޔާރެވެ.
"ބުނީމެއްނު މަންމަގެ ގަހަނާތައް ވަގަށް ނެގީ ނައީމޭ... ދެން ކީއްވެހޭ ބައްޕަގެ އަތުގަ މި އެއްޗެހި ހުރީ؟..." އާރިޒް ކުރިއަށްވުރެ ބާރަށް ސުވާލުކުރިއެވެ. "މިހާ ދުވަސްވީއިރުވެސް ބައްޕަ ހަދަމުން އައީ އެއް ދޮގެއް... ހަގީގަތް ސިއްރު ކުރުމުގެ ބޭނުމަކީ ކޮބާ؟... ބައްޕަ ކުރި ކުށް ފޮރުވުންތަ؟..."
"ހާދަ ވިޔާނުދާވެގެން ތިއުޅެނީ...." އާރިޒްގެ ކޯތާފަތް މަތީގައި ޖަހަމުން އީސަ ބުނެލީ ތަންކޮޅެއް ބާރަށެވެ. "ތިފާޑަށް މައިންބަފައިން ކުރިމަތީގަ ވާހަކަ ދައްކަން ދަސްކުރީ ކޮންތާކުން؟..."
އާރިޒް ހުރީ ހުއްޓުން އަރާފައެވެ. ބައްޕައަކީ އެފަދަ އަނިޔާވެރިއަކަށް ވެދާނެކަމަށް އޭނާ ހީވެސް ނުކުރެއެވެ. އީސަގެ އުޅުމުން ދޮންކަޅުވެސް އަންގާނުލައެވެ. އެހުރިހާ ދުވަސްވީއިރުވެސް އާރިޒް ހީކުރީ އީސަ އޭނާގެ މަންމަދެކެ ސާފު ތެދުވެރި ލޯތްބެއް ވާ ކަމަށެވެ. ނަގައިގަން ދިލައަށްވުރެ ހިތުގައި އުފެދުނު ރިހުން ގަދަވިއެވެ. އީސަގެ އަމަލުތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު ބޭޒާރުވެއްޖެއެވެ. ދުލުން ނުބުނިކަމުގައިވިޔަސް މެއެވެ.
********
ހިޔާލެއްގެ ފުން ކަނޑެއްގެ ތެރޭގައި އޮތް ލިޝާ ސިހުނީ އޭނާ އޮތް ޖޯލި މީހަކު ހެއްލައިލުމުންނެވެ. ނިތްކުރިމަތީގައި އަތް ބާއްވާލައިގެން އޮތް ލިޝާ ސިހިފައި ޖޯލީގެ ވާގަނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. ޖޯލި އެއްކޮޅަށް ގޮސްފައި އަނެއްކޮޅަށް އައިތަނާ އެމީހަކު ޖޯލީގައި ހިފެހެއްޓިއެވެ. ލިޝާ ކުދިކިޔަމުން ފަހަތް ބަލައިލިއިރު ވަރަށް ހިނިއައިސްފައި ސުމާ ހުއްޓެވެ. ލިޝާ ބަލައިލުމުން އަވަހަށް ޖޯލިން ދޫކޮށްލިއެވެ.
"ދެން ހަމަ އެހާ މިސްވޭތަ؟..." ސުމާ ދިމާކުރިއެވެ.
"އަހަރެން ކަންނޭނގެ ތިސުވާލު ކުރަންވީ..." ލިޝާ ޖަހައިލީ ލުއި ހިނިގަނޑެކެވެ. "ކަމަނާގެ ތުންފަތުން ހިނިތުންވުމުގެ އަސަރު ފިލާނުދޭވިއްޔަ... ކޮންކަހަކަ ފަންޑިތައެއްގެ އަސަރެއްތަ؟..."
"ތަވީދެއް އެއްޗެއް ފެންނަން އިނީތަ؟..." ސަމާސާ ރާގަކަށް ސުމާ ބުނެލިއެވެ.
"ދެން ބުނަންވީ އިނގޭ... ވަގު ބިޓެއް އެބަ ގެންގުޅެމެއްނު... ކާކު އެއީ؟... ބުނޭ!..." ލިޝާ އަމުރުކުރިއެވެ.
"ބިޓެއް ނެގީއޭ؟..." ޖޫސްތައްޓެއް ހިފައިގެން ބަގީޗާއަށް ނުކުތް މަދީހާއަށް ލިޝާ ބުނި ޖުމުލަ އަޑު އިވުނެވެ.
"އާނ މަންމާ!... މި ސުމް އެބަ ގެންގުޅޭ މިހާރު ބިޓެއް... ވަރަށް ސިއްރު ކޯލްތައްވެސް އަންނަތަން ފެނޭ..." ލިޝާ އިތުރު ތަފްސީލް ދިނެވެ.
"އެއީ ދޮގެއް ދައްތާ..." ސުމާ ނޫންކަމަށް ހެދުނެވެ.
"އަޑެއް އަރައިފިއްޔާ ކޮންމެސް ކަމެއް އުޅޭނެ..." ސުމާއަށް ޖޫސްތަށި ދިއްކޮށްލަމުން މަދީހާ ބުންޏެވެ. "ދައްތަ އަޑުއެހިން އިދުރީސްވިލާ ގޭ ޝަފާޒާ ރައްޓެހިވެގެން އުޅޭ ވާހަކަ..."
"އޭނ؟..." ލިޝާއާއި އެއްވަރަށް ސުމާވެސް ސިހުނެވެ.
ސުމާއަށާއި ލިޝާއަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ އެކުއެކީގައެވެ. ލިޝާގެ މޫނުން އެވާހަކައިގެ ތެދުދޮގު އެނގެން ބޭނުންވެފައި އިންވަރު ހާމަކޮށްދެއެވެ. ސުމާގެ މޫނުން ފެނުނީ ހާސްކަމެވެ. ލިޝާއަށް އެކަން ފާހަގަނުވެއެއް ނުދިޔައެވެ. ސުމާ އެއްޗެއް ބުނުން ލަސްވުމުންވެސް އެކަން އެނގިގެންދެއެވެ.
"ދައްތައަށް މި އަޑު އިވުނީ ރަނގަޅަށް ދޯ؟..." ވާނުވާ ނޭނގޭ ހާލު މަދީހާ އިނީ ހަމަޖެހިލާފައެވެ. "އެބަ އަންނަން ދަރިފުޅަށް ޖޫސްތައްޓެއް ހިފައިގެން..."
މަދީހާ ދިޔުމުން ސުމާ އާއި ލިޝާ އެކަނިވިއެވެ. ސުމާ އިނީ އިސްޖަހާލައިގެންނެވެ. ހީވަނީ ކުށެއް ކޮށްގެން އައިސް އިން މީހެއް ހެންނެވެ.
"އަހަންނަށް ވަރަށް ރަނގަޅަށް ސުމް އެނގޭ..." ލިޝާ ބުނެލިއެވެ. "މަންމަ އެހެދީ ތެދެއްދޯ؟..."
ސުމާ ދެފިކުރެއްގައި އިނދެފައި ބޯ ޖަހައިލިއެވެ. ދެމީހުން ރައްޓެހިވިތާ ގިނަ ދުވަހެއް ނުވެއެވެ. ސުމާ ހުރީ ލިޝާގެ ކައިރީގައި އެ ވާހަކަ ދައްކަން ނުކެރިފައެވެ.
"ސޮރީ..." ސުމާ މާފަށް އެދުނެވެ.
"ކޮންގްރާ..." ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ލިޝާ ބުންޏެވެ. "ކޮންކަމަކާތަ ސޮރީ؟.... މީހަކުދެކެ ލޯބިވުމަކީ މައްސަލައެއް ނޫނޭ...."
"އެކަމަކު..." ސުމާ އެއްޗެއް ބުނަން އުޅުނެވެ.
"އަހަރެންގެ ބެސްޓީ އަހަރެންގެ އެކްސްއާ ރައްޓެހިވީމަތަ؟..." ލިޝާ އަހައިލިއެވެ. "އެކްސްއަކަސް ބެސްޓީއަކަސް ލޯބި ވެވިދާނެއޭ... އެހެންނޫނަސް އަހަރެމެން ދެމީހުން އެކީ އުޅެނިކޮށް ނޫނެއްނު ތިގުޅުން ފެށުނީކީ... އަހަރެންގެ ހިތް ގޯހެއް ނޫނޭ ސުމް..."
"ތޭންކްޔޫ..." ސުމާ ލިޝާއަށް ބަލައިލީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ.
********
އާރިޒް ފޯނު ހުޅުވީ ނިދަން އެނދުގައި އޮށޯވެފައެވެ. ކަންތައް ވީގޮތުން އީސަގެ ގޭގައި ނުހުންނަން އޭނާ ދިޔައީ ޕިންކްވިލާއަށެވެ. ޕިންކްވިލާއަކީ އޭނާގެ މަންމަގެ ގެއެކެވެ. ހަގީގަތް އެނގުމުން، އީސަގެ ހިޔާވަހިކަމެއްގެ ދަށުގައި ހުންނަން އާރިޒް ކުޑަކޮށްވެސް ބޭނުމެއް ނުވެއެވެ.
ފޯނު ހުޅުވުމާއިއެކު "ނޮޓިފިކޭޝަން" އަންނަން ފެށިއެވެ. ފޫހިގޮތަކަށް ފޯނަށް ބަލައިލި އާރިޒް ފުންމައިގެން ތެދުވީ ފޭސްބުކުން ލިޝާ ފޮނުވި "ރިކުއެސްޓް" ފެނުމުންނެވެ. ދެތިން ހަތަރު ފަހަރު ބަލައިގެންވެސް ނަން ބަދަލެއް ނުވިއެވެ. އާރިޒް ލަހެއް ނުކުރެއެވެ. ފޭސްބުކުން ދެމީހުން އެކުވެރިންނަންވިއެވެ. އެއީ އާރިޒް އެދިއެދި ހުރި ފުރުސަތެކެވެ.
ހަމައެކަނި އެކުވެރިންނަށް ފެންނަގޮތަށް ލިޝާ އެތައް ތަސްވީރަކާއި ލިޔުންކޮޅުތައް ލާފައި ހުއްޓެވެ. ކޮންމެ މެސެޖެއް ގުޅެނީ އާރިޒާއި ހެން އޭނާއަށް ހީވިއެވެ. އާރިޒް ލިޝާގެ ކޮންމެ ޕޯސްޓަކަށް "ލައިކް" ދޭން ފެށިއެވެ.
ފުލުފުލުގައި ފޯނަށް މެސެޖުތަކެއް އަންނަން ފެށުމުން، ނިދަން އޮތް ލިޝާއަށް ފޯނަށް ނަޒަރު ހުއްޓައިލަން މަޖުބޫރުވިއެވެ. ފޯނު ބަލައިލުމާއިއެކު ލިޝާގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. ކަޅި ޖަހާވެސްނުލައި ދެލޯ ބޮޑުކޮށްގެން ފޯނަށް ބަލަން އޮތީ ބިރެއް ފެނުމުން ބަލާހެންނެވެ.
(ނުނިމޭ)